ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަނީ ދިވެހިންގެ މުސްތަގުބަލް ބަނަކޮށް، ބިރުވެރިކަން އުފައްދަން ކަމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރަގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއީން ދެވަނަ ދައުރެއް ހޯދާނަމަ، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރަން ޖެހޭނީ ވައްކަން ކޮށްގެން ކަމަށެވެ. އަދި ވައްކަން ކުރުމާއި މަކަރު ހެދުމުގައި އަދި އޮޅުވާލުމަށް މިއަށް ވުރެ ކުރިއަރާފައިވާ ސަރުކާރެއް ނޯންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ބޯމަތިވެފައި ވަނިކޮށް، ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކަ ކުއްލި ގޮތަކަށް ދައްކަން ފެށީ ދެވަނަ ބުރުގައި ބޮޑުތަނުން ފެއިލް ވެއްޖެކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

މި ސަރުކާރާއި ރައީސް ސޯލިހް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު ހުންނެވީ އިންތިހާ އަށް ވެރިކަން ބޭނުންފުޅު ވެވަަޑައިގެންފައި ކަމަށާ ރައީސް ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް ދީލާލެއްވީ ދެ ވަނަ ބުރު ވެސް ކާމިޔާބު ވެވަޑަައިނުގަންނަވާނެކަން ޔަގީންވެ ވަަޑައިގަންނަވާތީ ކަމަށެވެ.

ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަނީ ދިވެހިންގެ މުސްތަގުބަލް ބަނަކޮށްލަންކަން ފާހަގަކުރައްވަން އާދަމް ޝަރީފް ވިދާޅުވީ އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބަރުލަމާނީގެ ވާހަކަދައްކަން ތައްޔާރު ނޫންކަމަށެވެ. މި ވަގުތު އެ ކޯލިޝަނުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އެމްޑީޕީއަށް އެއްވެސް ހާލެއްގައި ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާ ވާދަނުކުރެވޭ ވަރަށް ގިނަ ވޯޓު ހޯދުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިކަން ކުރާނެ ފަސް އަހަރަށް ހެދުން ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައި ދިނުމަކީ ރާއްޖޭގެ މުސްތަގުބަލާއި އަމާންކަމާ އަދި މިނިވަންކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.