ވެނެޒުއޭލާގެ ޓޮކޮރޮން ޖަލަކީ 6000 ކުށްވެރިން ތިބޭ ޖަލެއް ނަމަވެސް އެއީ އެ ކުށްވެރިންނަށް 5 ތަރީގެ ހޮޓަލެކެވެ. އެތަނުގެ ކޮންޓްރޯލް ޓްރެން ޑެ އެރޭގުއާ ގޭންގުން ނަގާ، އޮޕަރޭޓް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

އެތެރޭގައި ކެސިނޯ ހަދާ، ވިޔަފާރި އުސޫލުން ދޫކުރާ ހޮޓަލާއި، ޕޫލް އާއި، ބާ އާއި ނައިޓް ކްލަބުގެ އިތުރުން ކުޑަ ޒުލެއްވެސް ހިންގާ އިރު، އެއީ، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ މައި އައްޑާއެކެވެ. އެތަނުގެ ކޮންޓްރޯލް އޮންނަ ގޭންގުގެ އިސް މެންބަރުން ޖަލުގައި ބޭނުން ގޮތަކަށް އުޅެމުން ދާއިރު، ބޭރަށް ނިކުންނަން ވީމާއި ނިކުމެ އުޅެ އުޅެފައި އެތެރެއަށް ވަންނަ އިރު، ޖަލުގެ ކުށްވެރިންގެ ގޮތުގައި ތިބޭ މީހުންގެ އަނބިންނާއި ފިރިންވެސް ދިރިއުޅެނީ އެ ޖަލުގެ ތެރޭގައެވެ.

ވެނެޒުއޭލާގައި ހިންގާ ކުށްތައް ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް ހައްދުން ނެއްޓޭ ހިސާބަށް ދިޔުމުން އެގައުމުގެ ސަރުކާރުން ވަނީ ހަތިޔާރު އެޅި 11،000 ސިފައިން ފޮނުވާ އެ ޖަލު މިހާރު ގޭންގުގެ އަތްދަށުން ސަލާމަތް ކޮށްފައެވެ.

ހަބަރުތައް ބުނާގޮތުން، އެތާނގައި ދިރިއުޅުނު އާންނުން [ކުށްވެރިންގެ އަނބިންނާއި ފިރިން] އެތަނުން ނެރެ ބޭރުކޮށްލާފައި ވާ އިރު، ކުށްވެރިން ވަނީ ދުރު ހިސާބުތަކުގައި ހުންނަ އެހެނިހެން ޖަލުތަކަށް ބަދަލުކޮށްފައެވެ.

އެގައުމުގެ ޓީވީން އާންމު ކުރި މަންޒަރުތަކުން ފެންނަ ގޮތުގައި، ކުށްވެރިން އެހެން ޖަލުތަކަށް ގެންދާތީ، އެމީހުންގެ އަނބިން ރޯން ތިބޭ މަންޒަރާއި، ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ މީހުން ސައިކަލުތަކާއި، ޓީވީ އަދި ފްރިޖްތައް ގެންދާ މަންޒަރު ފެނެއެވެ.

ހަބަރުތައް ބުނާގޮތުން އެ ޖަލު އޮޕަރޭޓް ކުރި ގޭންގްގެ ލީޑަރު ހެކްޓާ ގުއެރޭރޯ ފްލޯރެސް އަކީ އިންތިހާއަށް ބާރާއި ނުފޫޒު އޮންނަ މީހެކެވެ. 17 އަހަރަށް ޖަލަށް ލާފައި އޭނާ ހުރި ނަމަވެސް އޭނާ އަކީ އާންމުންގެ މީހެއް ފަދައިން ބޭނުން އިރަކު ޖަލުން ނިކުމެ ވަދެ، އޭނާ ހިތުހުރި ކަމެއް ކުރަމުން ދާ މީހެއް ކަމަށް ބުނެއެވެ.