ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނެޒުއޭލާގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ ކަމަށް ނިންމައިފިއެވެ.

ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅުން ވެސް އިންތިހާބު ކާމިޔާބު ވި ކަމަށް އިއުލާން ކޮށް އުފާފާޅުކުރަން ފެށުމާއެކު ދެފަރާތުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް އުފެދިގެން ދިޔައެވެ. އެއާއެކު ދެފަރާތުގެ ސަޕޯޓަރުން ކުރިމަތިލައި ގަޔަށް އަތްލައި ތަޅާފޮޅާ ހަދާފައި ވާ އިރު, މަޑޫރޯއަށް ސަޕޯޓު ކުރާ ގޭންގެއްގެ ބަޔަކު ވަނީ ހަތިޔާރާއެކު ވޯޓުލާ މަރުކަޒަކަށް ވަދެ ވޯޓު ފޮށިތައް ކޮނޑުޖަހާލައިގެން ގެންގޮސްފައެވެ.

މި ހަމަނުޖެހުންގަނޑުގެ ތެރޭގައި ދެފަރާތުންވެސް އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށް އިއުލާން ކުރަން ފެށުމުން މަޝްރަހު އިރުރަށް ހޫނުވެ ބޭރުގައުމުތަކުން ވެސް ބަސް ބުނާ ހިސާބަށް ދިޔައެވެ. އެގޮތުން ކައިރީގައި އޮންނަ އެމެރިކާއިން ވަނީ އެކަމުގައި ކަންބޮޑުވާ ކަމަށް ބުނެފައެވެ. އާޖެންޓީނާއިން ބުނެފައި ވަނީ މަޑޫރޯ ބަލައިނުގަންނާނެ ކަމަށެވެ.

ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހަމަނުޖެހުން ހިނގަނީ / ފޮޓޯ: އޭޕީ

އޮޅުންބޮޅުން ބޮޑު ވޯޓުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކޮށްފައި ވާ އިރު, 51 ޕަސެންޓުން މަޑޫރޯ ކާމިޔާބު ކުރެއްވި ކަމަށް އިންތިހާބާ ބެހޭ އިދާރާއިން ވަނީ އިއުލާން ކޮށްފައެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ލިބުނީ 44 ޕަސެންޓް ކަމަށް ވެސް ބުނެފައި ވެއެވެ.

މަޑޫރޯ އަށް ކިޔަމަންތެރި ބަޔަކު ތިބޭ އިލެކްޝަން ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކޮށްފައި ވާއިރު ވޯޓުލާން ބެހެއްޓި 30,000 ފޮށީގެ ހުރިހާ ނަތީޖާއެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ, ވޯޓުލި މަރުކަޒުތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އޮތީ އިދިކޮޅު ކެންޑިޑޭޓު އެޑްމުންޑޯ ގޮންޒާލެޒް ކަމަށެވެ.

އުމުރުން 61 އަހަރުގެ މަޑޫރޯ އަށް އެންމެ ފުރަތަމަ ވެރިކަން ލިބިވަޑައިގަތީ އޭނާގެ އުސްތާޒު ކުރީގެ ރައީސް ހޫގޯ ޗާވޭޒް ކެންސަރުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމުން 2013 ގައެވެ.

މިއަދު އިއުލާން ކުރި ކާމިޔާބީ އާއެކު މަޑޫރޯ އަށް 6 އަހަރުގެ 3 ވަނަ ދައުރެއް ޔަގީންވެގެން ދިޔަ ނަމަވެސް މުޅި ވެނެޒުއޭލާގައި ވަނީ ހަމަނުޖެހުން ފެށިފައެވެ.