ނ. ފޮއްދިއްޕަރު ފަޅަކީ ނަފާ ލިބޭނެ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ފޮއްދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާ ގުޅުނުއިރު އޭގެ ތެރޭގައި ކައުންސިލްގެ ޖޭޕީގެ މެންބަރެއްވެސް ހިމެނެއެވެ. އަދި އެ ރަށުގެ ޖޭޕީގެ އާންމު މެންބަރުންވެސް މިއަދު ވަނީ ޕީޕީއެމްއާ ގުޅިފައެވެ.
މީގެ ކުރިންވެސް ވައުދު ވެވަޑައިގެންފައި ވާނެ ކަން ފާހަގަކުރާއްވާ މުއިއްޒު ވިދާޅުވީ އޭނާ ވެވަޑައިގަންނަވާ ވައުދެއް ތަކުރާރުކޮށް ވިދާޅުނުވި ކަމުގައި ވިޔަސް އެ ވައުދެއްގެ މަތިން ހަނދާން ހުންނަވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ފޮއްދިއްޕަރު ފަޅާގުޅޭ ގޮތުން ވައުދު ވެވަޑައިގެންނެވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ދެއްވާ ޔަގީން ކަމަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަކަށް ނަފާލިބޭނެ ތަނަކަށް އެ ފަޅު ހަދައިދިނުމުގެ ޔަގީންކަން ކަމަށެވެ.
ފޮއްދޫގެ ރައްޔިތުންނަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގައިި ދިމާވާ ދަތިތައް ކަމަށް ވާއިރު މުއިއްޒު ވަނީ އެ ރަށުގައި ލަފާފުރުމުގެ ދަތިކަން ހައްލުކުރަން ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށާއި އެ ރަށުގައި މިހާރު އޮތް ޖެޓީ މަރާމާތު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ފޮއްދޫގެ ސިއްހީ ނިޒާމު ރަނގަޅުކުރަން ޖެހޭ ކަމަށާއި ޓެސްޓްތައް ހެދޭނެ ގޮތަށް ރަނގަޅު ފެންވަރުގެ ލެބޯޓްރީއަކާއެކު ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއަށް އެކަށީގެންވާ ވަރަށް، އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނުން ޖާގަ ދޭ މިންވަރުން ކަންކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ކޮންމެ ރަށެއްގައި ވެސް އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެ، އެ ސިޔާސަތުގެ ދަށުން ފޮއްދޫއަށްވެސް އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު ވޯޓު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.