ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައިރު ސިޔާސީ ފޯރި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ ގަދަވަމުންނެވެ. ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމާއެކު އިންތިހާބު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށްރަށަށް ވަޑައިގަނެ ދެ ކެންޑިޑޭޓްވެސް ކެމްޕެއިން ކުރެއްވި ނަމަވެސް މި ބުރުގައި ރަށްރަށުގެ ކެމްޕެއިން ހަރަކާތްތަކުން ފެނިގެން ދަނީ މުއިއްޒު އެކަންޏެވެ. އެގޮތުން އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މުއިއްޒު މިއަދު ވަނީ ނ އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެންފައެވެ.
ކޮންމެ ރަށަކުންވެސް މަރުހަބާ ކިޔުމަށް ގިނަ ތައްޔާރީތައް ވާއިރު އެއިރެއްގައި އޮންނަ ވެރިކަމެއް ގޯސްވެގެން މުޒާހަރާ ކުރުމަކީ ދިވެހިންގެ ތެރޭގައި ވަރަށްވެސް އާންމުކަމެވެ. އެހެންނަމަވެސް އެއިރެއްގައި ސަރުކާރުގައި އޮންނަ ޕާޓީއަކުން މުޒާހަރާ ކުރާ މަންޒަރެއް ފެންނަނީ މަދުންނެވެ.
ރައީސް ސޯލިހު މީގެ ކުރިން ވަޑައިގެންނެވި ރަށްރަށުން ވަނީ މި ވެރިކަމުގައި ވެެވަޑައިގެން ވައުދު ނުފުއްދަވާތީ އިދިކޮޅު ސަޕޯޓަރުން ނުކުމެ އެކަމާ އިހުތިޖާޖު ކޮށްފައެވެ. އަދި އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ވެސް އިހުތިޖާޖު ކޮށްފައި ވެއެވެ.
މިއަދު މުއިއްޒު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ 5 ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގެން، 980 މީހުންގެ އާބަދީގެ ޅޮހިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. މިހާރު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއިން ނިކުމެ މުޒާހަރާކުރި މަންޒަރެވެ. އަޑުގަދަ ކުރާ ބޭނުންކޮށްގެން މައިކުން ތަފާތު ޝުއޫރުތައް ފާޅުކުރަމުން ދިޔައިރު ގޮވަމުން ގެންދިޔައީ "ހޮޅި މުއިއްޒު" އެވެ. އެ އިހުތިޖާޖުގައި ދެ ޖިންސުގެ މީހުންވެސް ތިބިއިރު އެ މީހުންގެ އަތުން ދައްކަމުން ދިޔައީ ރައީސް ސޯލިހުގެ ކެންޑިޑޭޓް ނަންބަރު ތިނެވެ.
މުއިއްޒު އެ ރަށުގެ ބަނދަރަށް ފައިބާވަޑައިގަތުމާއެކު އެ ދިމާލަށް އިހުތިޖާޖުގެ ބައިވެރިން ދުއްވައިގެން މަންޒަރު ފެނުނު ނަމަވެސް އެކަމަށް ސެކިއުރިޓީ އިން ހުރަސް އެޅިއެވެ. އެހެންނަމަވެސް އެ ދިމާލަށް [އެމީހުންނާ ދިމާއަށް] އަތުން ހަނާއެޅުއްވުމަށް ފަހު މުއިއްޒު ވަނީ ވަޑައިގެންފައެވެ. މީގެ ކުރިން ހއ އަތޮޅަށް މުއިއްޒު ކުރެއްވި ކެމްޕެއިން ދަތުރެއްގައި އެމްޑީޕީ އިން އިހުތިޖާޖު ކުރުމުން އެތަނަށް ވަޑައިގެން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ ސަލާމް ކުރައްވާފައެވެ.
މިދިޔަ ބުރުގައި މުއިއްޒަށް ޅޮހިން ވަނީ މެޖޯރިޓީ ދީފައެވެ. އެގޮތުން މުއިއްޒަށް 178 ވޯޓު ލިބިވަޑައިގެންނެވި އިރު މުއިއްޒާ އެންމެ ކައިރިން ވާދަކުރެއްވި ކެންޑިޑޭޓް، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 145 ވޯޓެވެ. އެހެންނަމަވެސް މިއަދު އެ ރަށުން ފެނިގެން ދިޔައީ އެ ނަންބަރު ބަދަލުކުރާ ބޮޑު ފަރަގަކާއެކު ދެވަނަ ބުރުގައި އިންތިހާބުގެ މެޖޯރިޓީ މުއިއްޒަށް ދޭނެ ކަމުގެ ޔަގީން ކަމަށެވެ.
ކުރަމުން ދިޔަ އިހުތިޖާޖަށް ބެލުމެއް ނެތި މުއިއްޒަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު އެއްވެފައި އޮތުމުން ތާއީދު އޮތް މިންވަރު ފެނިގެން ދިޔައެވެ. އެމްޑީޕީއަށް ރައްދު ދިނުމުގެ ބަދަލުގައި މުޅި ސަރަހައްދު ފިޔާތޮށި ކުލައިން ޖަރީކޮށް މުއިއްޒަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ގިޑިއެއް ވެސް ހުރީ ތައްޔާރު ކޮށްފައެވެ. ޕީޕީއެމްގެ ފިޔާތޮއްޓާއި ޕީއެންސީގެ ވިލުނޫ ކުލަ ބޭނުންކޮށްގެން ހަދާފައިވާ ގިޑިގޭގައި ވަނީ "މަރުހަބާ ދިވެހިންގެ ކެންޑިޑޭޓް" ޖަހާފައެވެ. އަދި ގިޑީގޭގެ ކައިރީގައި މުއިއްޒުގެ ކެންޑިޑޭޓް ނަންބަރު 4 އެއް ބޮޑުކޮށް ފިލައިން ހަދާ ހަރުކޮށްފައި ވާއިރު އޭގައިވެސް ހުރީ އެ ދެ ޕާޓީގެ ކުލައެވެ.
ރަތް ދޫލައިގެ އެއްފަރާތުގައި ދިގު ސަފު ހަދައިގެން ތިބީ ފިޔާތޮށި ކުލައިން ޒީނަތްތެރިވެގެން ތިބި 'ގަދަ ސަޕޯޓަރުން' ނެވެ. މުއިއްޒު ގެންދެވީ ފަތްކޮޅުގައި ރަނދުން ގެންދަވާ ފަދައިން ބެރުވެސް ޖަހާފައެވެ. "ވެލްކަމް ޑްރިންކް" ގެ ގޮތުގައި ތައްޔާރު ކޮށްފައިވާ ކުރުނބާތައް ބަހައްޓާފައި ވަނީ ޕީޕީއެމް ޖަގަަހައިގެ ކައިރީގައި ތައްޔާރު ކޮށްފައިވާ ދޯންޏެއްގައެވެ. އަދި ރަށު ތެރޭގައި މުއިއްޒަށް ތާއީދު ކޮށް ޝުއޫރުތައް ލިޔެފައި ވާ ބެނާތައް ދަމާފައި ވާއިރު އެ ރަށުގައި ބޭއްވި ޖަގަހަ ބައްދަލުވުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިއަދު ޅޮހިން ކިއި މަރުހަބާ މުއިއްޒު ސިފަކުރެއްވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޅޮހިން ލިބުނު ސަޕޯޓެވެ. އަދި ކުރިއަށް އޮތް ބުރުގައި އެއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބިވަޑައިގަންނަވާނެކަން ޔަގީން ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޅޮހިން ވާހަކަދައްކާލި މީހުން ބުނަނީ ދެވަނަ ބުރުގައި ކުރިއަށް ވުރެ ބޮޑު ތަފާތަކުން މެޖޯރިޓީ ނަގާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޅޮހި ހިމެނެނީ ވެލިދޫ ދާއިރާގައި ކަމަށް ވާއިރު އެ ދާއިރާގެ މެންބަރަކީ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
ބަނދަރު ނޯންނައިރު ޅޮހީގެ ސްލޯގަން އަކީ ބަނޑު މަށާލައިގެން ވިއަސް ފަރުމަތިން ދެމެމުން ވިޔަސް ޅޮއްސަށް އަރާށޭ އޭރުން އެއޮތީ ފިނިފެންމަލެއްގެ ކަރުގަނޑު ތެރެއަށް އެރިފަޔޭ.