ނ. ޅޮހީގެ ރައްޔިތުން ހުށަހެޅުއްވި ދިގު ލިސްޓު ކުރުކޮށްލައި ދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ނ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 13 ވަނަ ރަށް ނ. ޅޮހީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސް ވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ފަހު ވަނީ ޅޮހީގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރަށުގެ ތަރައްގީއަށް ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ރައްޔިތުންނާ ބައްދަލު ކުރުމުގެ ކުރިން ބޭއްވި ބައްދަލުވުމުގައި ލިސްޓު ވަރަށް ދިގު ވެދާނެ ކަމަށް މުއައްސަސާތަކުގެ ވެރިން އެންގެވި ކަމަށެވެ. އެއީ މައްސަލައެއް ނޫން ކަމަށާއި އެ ލިސްޓް ދިގުވެފައި އެވަނީ ކުރީގައި އެކަންކަން ކުރަން ތިބި މީހުން މާ ބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދެން މި ސަރުކާރުގެ ޒިންމާއަކަށް ވާނީ އެކަންކަމަށް ސަމާލުކަން ދީގެން އެކަން ކޮށްދިނުން ކަމަށް ރައިސް ވިދާޅވިއެވެ. އެގޮތުން ޅޮހީގެ ރައްޔިތުންގެ ދިގު ލިސްޓު ކުރުކޮށްލަ ދެއްވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ އެ ލިސްޓުގައި އެދިފައިވާ ކަންކަން އެއްކޮށް ނިންމާލަދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ބަނދަރު ތަރައްގީގެ މަޝްރޫއުއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ހުށައަޅާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވަނީ ވީ އެންމެ ރަނގަޅަކަށް ރައްޔިތުން އެދޭ ގޮތަށް އެބަދަލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ. އެ މަޝްރޫއު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާ އެކީގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ޅޮހީގެ ސްކޫލަށް އުމްރާނީ މަޝްރޫއުތަކެއް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި، ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑަށް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހުރިހާ ވަސީލތަކާއި ހިދުމަތްތަކާއެކު އާ އިމާރާތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން ކުރަންހުރި ކަންކަމުގެ ތެރޭގައި ޅޮހީ ސިއްހީ މަރުކަޒަށް އިތުރު ހިދުމަތްތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ލެބޯޓްރީ އާއި އިތުރު މުވައްޒަފުން ވެސް އަދި ޖާގަވެސް އިތުރުކުރަން ޖެހޭތީ، ސިއްހީ މަރުކަޒަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އެ މަޝްރޫއު ކޮންޓެކްޓަރަކާ ހަވާލުކޮށް ނޮވެމްބަރު މަހު ހިސާބުގައި އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޅޮހީގެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީ ކުރުމާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓެއް ތަރައްގީ ކުރުން މިއަހަރު ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.