އިންތިހާބު ކާމިޔާބުވެ ލަސްތަކެއް ނުވެ ރައްޔިތުންގެ ގާތަށް ވަަޑައިގަތުމަަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތިންވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅުގެ މާޅެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މާޅެންދޫގެ ބިމުގެ ޖާގައިގެ ދަތިކަމާ ހުރެ ފަޅުގައި ހިއްކެތް އޮތް އެންމެ ބޮޑު މިނެއްގައި ފަޅު ހިއްކުމަކީ މާޅެންދޫގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ. އަދި އީއައިއޭ ހަދައިގެން ހިއްކެން އޮތް އެންމެ ބޮޑުކޮށް މާޅެންދޫގެ ފަޅު ހިއްކައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ އެ މަސައްކަތާއެކު މާޅެންދޫގެ ރަށް ގިރުން ހައްލުކުރުމުގެ މަޝްރޫއުވެސް ހިންގޭނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަކީ ލެބޯޓްރީގެ ހިދުމަތް ލިބޭތަނަކަށް އެ ރަށް ހައްދަވައިދެއްވާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް އެ ރަށުގެ އާބާދީގެ ނިސްބަތުން އެންމެ އެކަށީގެންވާ ލެބޯޓްރީ ހިދުމަތް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

މިހާރު މަޝްރޫއުތައް ހިންގަމުންދާ ގޮތް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގިނަ މަޝްރޫއުތައް ގިނަ ރަށްރަށުގައިވެސް ހިންގަމުންދަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށާއި އެހެންނަމަވެސް އޭނާގެ ވެރިކަމެއްގައި ރައްޔިތުން އެދޭ ގޮތަށް، ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

މުއިއްޒު ވަނީ މާޅެންދޫގެ ޒުވާނުންގެ މަރުކަޒު ހައްދަވައިދެއްވާނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭނުގައި ޖާގަ ކަނޑައަޅާ މިންވަރުން މަސް މާރުކޭޓުގެ އިތުރުން އެހެން ކަންކަން ވެސް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ތައުލީމާއި ސިއްހީ ނިޒާމަކީ އެންމެ އިސްކަމެއް ދެއްވާނެ 2 ނިޒާމުކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާޅެންދޫ ރައްޔިތުން އެދޭ ގޮތަށް ބަޖެޓުގައި ތަންދޭ މިންވަރަކުން ސްކޫލަށް ޖާގަ އިތުރު ކޮށްދެއްވާނެ ކަމަށެވެ.