ޓެކްސީތަކާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަރާޖް ސިޓީއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަދި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ 2 ފުރޮޅުލީ އުޅަނދާއ،ި 3 ފުރޮޅުލީ އުޅަނދާއި 4 ފުރޮޅުލީ އުޅަނދާއ،ި އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރާ އުޅަނދު، އޭގެތެރޭގައި ނުހިމެނޭ ކަމަށް އެ ގަވާއިދުގައި ވެއެވެ.

ޓެކްސީތައް ރަޖިސްޓްރީ ކުރުމަށް ގަރާޖުގެ ހުއްދަ ހުށަހަޅަން ނުޖެހުނު ނަމަވެސް އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނ،ީ ފީގެ ގޮތުގައި 10,000 ރުފިޔާ މިނިސްޓްރީއަށް ދެއްކުމުން ކަމަށް ވެސް އެ ގަވައިދުގައި ވެއެވެ.

މީގެއިތުރުން އެ ގަވާއިދުގައި ވަނީ ވަގުތީގޮތުން އުޅަނދު ރަޖިސްޓަރީ ކުރާނަމަ އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތަކުގެ އިތުރުން ފީގެ ގޮތުގައި 15,000 ރުފިޔާ މިނިސްޓްރީއަށް ދައްކަން ޖެހޭނެ ކަމަށެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.