13 މެންބަރުންނާއެކު ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަަކަށް ދަ ޑިމޮކްރެޓްސް ވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ 13 މެންބަރުން އެކަން މަޖިލީހަށް ރަސްމީކޮށް އަންގާފައިވާ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ދަފްތަރުގައި މިހާރު ހިމަނާފައިވާ ކަމަށެވެ.
މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ޕީޕީއެމް ކަމަށް ވާއިރު މީގެ ކުރިން މައިނޯރިޓީ ލީޑަރަކަށް ހުންނެވީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
އެ ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 56 މެންބަރަކާއި ޕީޕީއެމްގެ ފަސް މެންބަރަކާއި ޕީއެންސީގެ ތިން މެންބަރަކާއި އެމްއެންޕީގެ ތިން މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރެއްގެ އިތުރުން އަމިއްލަ ތިން މެންބަރެކެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ބަދަލާއެކު މެންބަރުންގެ ބަހުސްގެ ވަގުތަށް އައި ބަދަލާއި ދާއިމީ ކޮމިޓީތަކަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މީގެ ކުރިން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ދެ މެންބަރަކު ދަ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެން އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައި ވެއެވެ. އެ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ޝިޔާނާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއްވެސް އެ މެންބަރުންނަށް ވަނީ އަމާޒުވެފައެވެ.