ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް ކޮވިޑްގައި ގެނައި ބަދަލާއެކު ރިސޯޓް ކުލި އަދި ކުލީގެ ޖޫރިމަނާ އެކީގައި މައާފް ކޮށްދީފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައި ވަނީ، ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަނެއްހާ ރުފިޔާ ސަރުކާރުން މައާފުކޮށް ދީފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާ މައާފު ކުރި ކަމަށް މީޑިއާ އަދި މީސްމީޑިއާގައި ބައެއް ފަރާތްތަކުން އޮޅުން އަރާ ގޮތަށް ފަތުރަމުންދާ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އޭނާ ފަހަގަ ކުރެއްވީ ކުލި މައާފު ނުކުރާ ކަމަށާއި އަދި ކުލި ނުދައްކައިގެން އަރާ ޖޫރިމަނާ އެއްކޮށް މައާފު ނުކުރާ ކަމަށެވެ. ހަމައެއާއެކު ރިސޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބު ވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެ ވެސް ބޮޑަށް ކަން ފާހަގަ ކުރައްވަމުން މިއުވާން ވިދާޅުވީ، އެއީ އަހަރަކަށް 182 ޕަސެންޓްގެ ޖޫރިމަނާއެއް ކަމަށެވެ.

"މިސާލަކަށް ކުރީގެ ރޭޓުގައި (%180) 1 މިލިއަން ރުފިޔާގެ ރިސޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭ. އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާ."
މިއުވާން މުހައްމަދު

ބޭންކުތަކުން ނަގާ އިންޓްރެސް ހުންނަނީ އާންމުކޮށް މީގެ 36 ގުނަ އަށް ވުރެވެސް ކުޑަކޮށްކަން ފާހަގަ ކުރައްވަމުން މިއުވާން ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ރޭޓެއް ނޫން ކަމަށް ނިންމާފައި ކަމަށެވެ. އެގޮތުން މި ސަރުކާރުން 2019 ގައި ނިންމައި 2020 ވަނަ އަހަރު ތަންފީޒު ކުރަން ފެށީ އެ ޖޫރިމަނާ 18 ޕަސެންޓަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި އެކަން ތަންފީޒު ކުރުން ކަމަށް މިއުވާން ވިދާޅުވިއެވެ.

މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއް ކަމަށާއި ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއެކު ޖޫރިމަނާގެ ރޭޓަށް ގެނައި ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިއުވާން ވިދާޅުވިއެވެ. މިބަދަލާއެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު އޮތް ކަމަށާއި 18 ޕަސެންޓަށް ވުރެ އިތުރަށް ހުރި ބައި އުނި ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި ކުރިން އޮތްގޮތުން އެތަންތަނުން ކުލި ދަށްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފި ނަމަ، ނުދައްކާ އޮތް އަދަދުގެ 0.5 ޕަސެންޓްގެ ރޭޓުން ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަމުން ދާނެއެވެ.

ނަމަވެސް ސަރުކާރުން ވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުލި ނުދެއްކުމުން އަރާ ޖޫރިމަނާގެ ރޭޓް ކުޑަކޮށް ދީފައެވެ. އެގޮތުން 0.5 ޕަސެންޓްގެ ރޭޓުން އަރަމުން ދިޔަ ޖޫރިމަނާގެ ރޭޓް ވަނީ 0.0493 ޕަސެންޓަށް ދަށް ކޮށްފައެވެ.