މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފިނަމަ، (ޕީއެންސީގެ ސަރުކާރެއްގައި) ސަރުކާރުން ބޭރުގެ ގައުމުތަކާއެކު ވެފައިާ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް މުއިއްޒުގެ ސްޕޯކްސްޕާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް ވިދާޅުވީ މުއިއްޒުގެ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ބޭރުގެ ގައުމުތަކާއެކުވެފައިވާ އެއްބަސްވުންތައް ބަލާ ދިރާސާ ކުރުން ހިމެނޭނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން އެގެން ޖެހޭ ފަރާތްތަކަށް އެ އެއްބަސްވުންތައް ހިއްސާ ކުރައްވާނެ ކަމަށެވެ.
ގާނޫނީ ގޮތުން އެ އެއްބަސްވުންތައް އާންމުކުރުން ގާނޫނީ ގޮތުން މަނާ ނޫންނަމަ އެ އެއްބަސްވުންތައް އާންމު ރައްޔިތުންނަށް ފެންނާނެހެން އާންމު ކުރައްވާނެ ކަމަށް ވެސް ތޮލާލު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭ އެއްބަސްވުންތައް ވެސް ނާންގާވާ ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުން އެހެން ގައުމުތަކާމެދު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އިދިކޮޅުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ގޮވާލާފައެެވެ. ނަމަވެސް އެ އެއްބަސްވުންތަކަކީ ރާއްޖޭގެ ސަަލާމަތާއި ގުޅުން ހުރި ކަންކަން ކަމަށް ބުނެ މި ސަރުކާރުން އެ އެއްބަސްބުންތައް އާންމުކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ތޮލާލް ވިދާޅުވީ ޕީޕީއެމް، ޕީއެންސީއިން ކަންބޮޑުވަނީ ގިނަ އަދަދެއްގެ ރައްޔިތުން 2 ވަނަ ބުރުގައި އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީ ވުމުން ނޫން ކަމަށެވެ. ކަންބޮޑުވަނީ އެމީހުންނަށް ނޭންގި އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ރަށް ބަދަލުވެފައިވާތީ ކަމަށެވެ. އަދި މިކަންކަން މިހެން ހުރުމުން އިންތިހާބުގެ ކުރިއަށް ދާނީ ސައްހަކާމާއެކުގައިތޯ ސުވާލު އުފެދޭ ކަމަށެވެ.