ބަރުލަމާނީ ގަރާރަށް މާދަމާ ބަހުސްކުރަން އެމްޑީޕީއިން އެއްބަސްވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވުމަށް ތާވަލް ކޮށްފައިވާ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގެ ކޯރަމް ހަމަ ނުވުމުން ޖަލްސާ ނުފެށިގެން ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހުއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީ ސެޕްޓެމްބަރު 13، 2023 ގައި ހުށަހަޅުއްވާފައި ވުމުން އެކަމާ ގުޅިގެން އެމްޑީޕީގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާދަމާ އެއަށް ބަހުސް ކުރެވޭ ގޮތަށް ފުރުސަތު ލިބިފައިވާ ކަމަށާއި އެއީ ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެއްބަސްވެވަޑައިގެންފައި ވާތީ ކަމަށެވެ.
އެ ގަރާރު ހުށަހެޅުއްވި ކަން އިއުލާން ކުރައްވާ އިލްޔާސް މީގެ ކުރިން ވަނީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި އެއްވެސް އިންތިހާބެއް ކާމިޔާބުކުރި ޕާޓީތަކަށް މެޖޯރިޓީ ނުލިބޭ ކަމާއި ކޮންމެ ފަހަރަކު އެހެން ޕާޓީތަކާ އެކު ބައިއަތު ހިފަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވާއިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތަކުގެ ދޮށުގައެވެ. އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންފައި ނުވަނީ މިއަދުގެ އެޖެންޑާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރު ހިމަނާފައި ވުމުންނެވެ.
ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ހާޒިރުނުވާ 14 މެންބަރުންގެ ނަން ވެސް އިއުލާން ކުރައްވާފައެވެ.
9 ޖަހާއިރު ފެށުމަށް މިއަދު ތާވަލްކުރި މި ޖަލްސާ ފެށުމަށް 9:30 ގެ ފަހުންވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި 11 ޖެހިއިރާއި 12 ޖެހިއިރު އަދި 1 ޖެހިއިރުވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވެއެވެ. އެއާއެކު މިއަދުގެ ޖަލްސާ ނުބާއްވަން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.