ކަނޑު ވިއްކާލި މައްސަލާގެ ގަރާރު މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުރު ވަގުތު މަޑުކުރައްވާފައެވެ.
މަޖިލީހުގެ ކޯރަމް ހަމަވުމަށް އިތުރު ދެ މެންބަރުން ބޭނުންވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި ތިއްބެވި ކަމަށާއި އެ ބޭފުޅުން އެތެރެއަށް ވަދެވަޑައި ނުގަންނަވާ ސަބަބެއް އެމަނިކުފާނަށާއި މަޖިލީހުގެ އަމީންއާމަކަށްވެސް އޮޅުން ފިލާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ގެ އެޖެންޑާގައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރު ހިމަނާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ އެމްޑީޕީގެ މެންބަރުން ބޮއިކޮޓް ކޮށްފައި ވާއިރު އެ މެންބަރުން ފާހަގަ ކުރަމުން ދަނީ މުހިންމު ބިލުތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް އިދިކޮޅުން ހުށަހަޅާފައިވާ ގަރާރުތައް އެޖެންޑާ ކޮށްފައިވާ ކަމެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާގެ ޝަކުވާއެއް ވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެޖެންޑާގައި މަޖިލީހުގެ ގަވާއިދާ ހިލާފު އެއްވެސް މައްސަލައެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި މިއަދު އެޖެންޑާގައި ހިމަނާފައިވާ ގަރާރަކީ މިދިޔަ މޭ މަހުގެ 22 ވަނަ ދުވަހު، މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ހުށަހެޅުއްވި ގަރާރެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ގަރާރު މަޖިލީހުގެ ތަޅުމަށް ގެންނަން ޖެހޭ ކަމަށާއި އެ ގަރާރު އިތުރަށް ލަސްކުރެވޭކަށް ނެތް ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ 11 ޖަހާއިރު ފަށާނެ ކަމަށް ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.