މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީ ކުރަން 47،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރީ-ރަޖިސްޓްރީ ކުރުމުގެ ވަގުތު ހަމަވިއިރު 47،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ފޯމުތަކުގެ ތެރެއިން މިހާތަނަށް 19،000 އަށް ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި 27،000 އަށްވުރެ ގިނަ ފޯމްތައް ވަނީ ސައްހަކަން ކަށަވަރު ކުރުމުގެ މަރުހަލާގައި ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް އީސީން ހުޅުވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެ ހަވީރާ ހަމައަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 42،000 އަށް ވުރެ ގިނަ މީހުން ވަނީ ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައެވެ. އެހެންކަމުން ފުރަތަމަ ބުރާއި އަޅާބަލާއިރު މި ފަހަރު މި ވަނީ ރެކޯޑް މިންވަރަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައެވެ.

ރީ ރަޖިސްޓްރީ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައި ވުމާއެކު އިދިކޮޅުން އަންނަނީ ބޮޑެތި ތުހުމަތުތަކެއް އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީއަށް ކުރަމުންނެވެ. އެގޮތުން އިދިކޮޅުގެ އެންމެ ބޮޑު އެއް ތުހުމަތަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުން އެމީހުން ދިރިއުޅޭ ރަށް ނޫން ދުރު ރަށްތަކަށް ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމުގެ ތުހުމަތެވެ.

އަދި ހަމައެހެންމެ މިކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ޑރ.މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ 2 ދުވަހުގެ ތެރޭގައި 25 ހާސް މީހުން ރީރަޖިސްޓްރީ ވާން ހުށަހެޅުމަކީ 'ވަރަށް ބޮޑަށް ސުވާލު އުފެދޭ' ކަމެއް ކަމަށާއި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން، ސިޔާސީ ޕާޓީތަކުންނާއި އިންތިހާބާ ގުޅޭ ކަންކަން ބަލަމުން ދާ އިންޓަނޭޝަނަލް މޮނިޓަރުންވެސް ބަލައި ދިނުމަށް ގޮވާލައްވާފައެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ ރީ-ރަޖިސްޓްރީ ނުކުރާނެ ކަމުގެ ޔަގީންކަން އީސީން ދީފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ގާއިމު ކޮށްފައިވާ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކޮށް ގިން އެޓޭކްތަކެއް ދިން ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބު ވެފައި ނުވާކަމަށް އީސީގެ ރައީސް ފުވާދު ތައުފީގް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އީސީއާ ވެސް ބައްދަލު ކޮށްފައެވެ.