ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު އައްޔަން ކޮށްފިއެވެ.

އެ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އަޒްލީން، އެ ޕާޓީގެ އެސްޖީ ކަމަށް އައްޔަން ކުރީ މިއަދު ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އެސްޖީ ކަމަށް ގާސިމް އަޒްލީން އައްޔަން ކުރެއްވި ކަމަށް އަލީ ސޯލިހު ވިދާޅުވީ، އެ ޕާޓީގެ މިހާރުގެ އެސްޖީ އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

'ދަ ޕްރެސް' އިން މިކަމާ ގުޅިގެން ސުވާލު ކުރުމުން އާރިފް ރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އެސްޖީ ކަމުން އޭނާ އިސްތިއުފާ ނުދެއްވާ ކަމަށާއި، އިސްތިއުފާ ދެއްވާ ނަމަ ގޮތެއް ނިންމަވާނީ ގާސިމާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މިއަދު ސުވާލުކުރުމުން ވެސް އާރިފް ވަނީ ޖުމްހޫރީ ޕާޓީގެ އެސްޖީގެ މަގާމުން އަދި އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ގާސިމަށް ފޮނުއްވާނީ އޭނާ ހުންނެވި މަގާމާ ހަވާލުވާ އަޒްލީނަށް މަގާމުގެ މަސްއޫލިއްޔަތުތައް އަމާންކަމާ އެކު ހޭންޑްއޯވާ ކުރުމަށް ފަހު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދިއުމުގެ ކުރިން އަޅުގަނޑު ބޭނުންވަނީ ދެން އަންނަ ބޭފުޅަކަށް މިތަން ފުރިހަމަ އަށް ހޭންޑްއޯވާ ކުރަން، އެހެންވީމާ އަޅުގަނޑު އިއްޔެއަކު އިސްތިއުފާ ނުދެން، އަދި މިއަދަކު ވެސް ނުދެން،" އާރިފް ވިދާޅުވިއެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ދޫކޮށްލެއްވި ނަމަވެސް، ޕާޓީ ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އަލީ އާރިފަކީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.