ޖުމްހޫރީ ޕާޓީ ޝާމިލުވެގެން ގެނައި ތިންވަނަ ވެރިކަމުން ވެސް ފެނިގެން ދިޔައީ ރައްޔިތުންނަށް ދޮގު ވައުދުތަކެއް ވެ، ދައުލަތަށް ހިޔާނާތްތެރިވި މަންޒަރު ކަމަށާއި، އެހެންވެ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރާވަޑައިނުގަންނަވަން ނިންމެވީ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ނިންމެވީ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށާއި، މައި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް ވެސް އަރާވަޑައިނުގަތުމަށެވެ. ގާސިމް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ކެމްޕެއިން ކުރުމުގެ ތެރޭގައި، ދެއްކި ވާހަކަތަކީ ފެންނަން ހުރި ލިޔެކިޔުންތަކުގެ އަލީގައި ތެދުކަން ހާމަވާ ކަމަށެވެ.

ކައުންސިލް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމްގެ ނިންމެވުން ތަފްސީލުކޮށްދެއްވަމުން ވިދާޅުވީ، މި ނިންމެވުން ނިންމެވީ ބައްދަލުވުމުގައި ވަރަށް ބޮޑަށް ބަހުސްކުރުމަށް ފަހު، ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަހަތަށް އަރާވަޑައިގަތުމާ މެދު ގޮތް ނިންމުމަށް ކައުންސިލުން އޭނާ އަށް އިހްތިޔާރު ދިނުމުން ކަމަށެވެ. މި ނިންމެވުން ނިންމެވީ ގާސިމް ވިދާޅުވިގޮތުގައި:

  • ޖުމްހޫރީ ޕާޓީ އަކީ އޮޅުވާލައިގެން މަސައްކަތްކުރާ ޕާޓީއެއް ނޫން ކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން
  • އެ ޕާޓީ އަކީ ފޮރުވުމެއް ނެތި ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން މަސައްކަތްކުރާ ބައެއް ކަން ހާމަކޮށްދިނުމުގެ ގޮތުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ، މިއީ ޖުމްހޫރީ ޕާޓީ އެކުލެވިގެން ޖެހިޖެހިގެން ގެނައި ތިންވަނަ ސަރުކާރު ކަމަށާއި، މިހާތަނަށް ގެނައި ހުރިހާ ސަރުކާރުތަކުން ފެނުނީ ރައްޔިތުންނަށް ދޮގު ވައުދުތައްވެ، ނިކަމެތިކަން ދޭ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޯލިޝަން އެކުލަވާލިއިރު މި ސަރުކާރުން ވި ވައުދާ ހިލާފަށް އެ ޕާޓީ އަށް ދިނީ ކުޑަ މިންވަރެކެވެ. އަދި އޭގެ ކުރީ ސަރުކާރުތަކުން ޖުމްހޫރީ ޕާޓީ ކޯލިޝަނުން ބޭރުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި ވޭތުވެދިޔަ ސަރުކާރުތަކުން ފާހަގަވި ކަންކަމަކީ ދައުލަތަށް ހިޔާނާތްތެރިވުމާއި، ގާނޫނުއަސާސީ އާ ހިލާފަށް ސަރުކާރުން މަސައްކަތްކުރަމުން ދިއުން ފަދަ ކަންކަން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. ގާސިމަށް އެހާ ދަށުން ވޯޓު ލިބުމުން 22 ހާހަށް ވުރެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީ އަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ދެވަނަ ބުރުގައި ގާސިމާ އެކު ކޯލިޝަން ހެދުމަށް އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރެއްވި އިިދިކޮޅު ކެންދިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުންނާއި ރައީސް ވެސް ގާސިމާ ބައްދަލުކުރެއްވިއެވެ.

ގާސިމްގެ ނިންމެވުން އިއުލާނުކުރައްވައި ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ކަމަށާއި، ބަދަލުގައި މަސައްކަތްކުރާނީ އެ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.