ރާއްޖެއިން ބޭރުން ނަގާފައިވާ އެކިއެކި ލޯނުތައް ރީފައިނޭންސް ކުރުމަށް އަވައްޓެރި ގައުމުތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުގައި އެ އަތޮޅު ކުރިންބަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މި ސަރުކާރުން ގެންގުޅެނީ ހަމައެއް ލަމައެއް ނެތް ސިޔާސަތުތަކެއް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރަށް ބަރާބަރަށް އާމްދަނީވެސް ލިބޭ ކަމަށާއި ނަމަވެސް މި ސަރުކާރަށް ކަންކަން ނުވެގެން އުޅޭނީ 'މިސް މެނޭޖް' ކުރަމުން ދާތީ ކަމަށެވެ.

"މާނައަކީ ކުރަން ނުޖެހޭ ހަރަދު ކުރަނީ، އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ނުދެނީ. ފައިސާ ޗާޕް ވެސް ކުރަނީ. މުސާރަ ދޭން ލޯނު ވެސް ނަގަނީ. އިގުތިސޯދީ އަސާސްތައް މި ވަނީ އެފުށްމިފުށަށް ޖެހިފައި. އެހެންވެ ކަންކަން މި ރަށްރަށުގައި ނުވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އަދި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު އިގުތިސޯދު އަލުން ކޮޅަށްޖަހައި ހަމައަކަށް އަޅުވާނެ ކަމަށާއި ލޯނުތައް ދައްކާނެ ގޮތް ސާފުވެފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ކަންބޮޑު ވުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އިގްތިސީދީ ސިޔާސަތު ހަމައަކަށް އަޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް. އެހެންވީމަ އަަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައި ވެސް އެއްވެސް ކަންބޮޑުވުމެއް ނެތް މި އިގުތިސޯދު ހައްލު ކުރުމުގައި،"
މުއިއްޒު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.