ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަަމުގައި ހިއްކި ހުޅުމާލެ ދަވަނަ ފިޔަވަހި އޮތީ ހަނަފަސް ސަހަރާއެއްގެ ގޮތުގައި ކަން ސިފަކުރައްވައި އިންތިހާބު ކާމިޔާބު ވެވަޑައިގެންފި ނަމަ އެ ސަހަރަށް ތަރައްގީ ގެނެސްދެއްވާނެ ކަމަަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެން އެ ތަނުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ. މުއިއްޒު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ހިއްކާފައި ވަނީ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ކަމަށާއި ނަމަވެސް މި ސަރުކާރު އައިސް އެތަނަށް އެއްވެސް ތަރައްގީއެއް ގެނެސްދީފައި ނުވާ ކަމަށެވެ.

"މާސްޓާ ޕަލޭންގައި އޮތް ގޮތަށް ފުރިހަމަ ސަހަރެއް ގެނެވޭނެ ހާ ވަގުތު މި ސަރުކާރަށް ލިބުނު. އެއީ ކޮވިޑަށް ދިޔަ ދޮޅުއަހަރު ކެނޑުމަށް ފަހުވެސް އެ ލިބުނު މުއްދަތުގައި ވެސް އެ ސަހަރަށް ތަރައްގީ ނުގެނެސް އޮތީ ހަނަފަސް ސަހަރާއެއް ގެ ގޮތުގައި. މިސްކިތެއް ސްކޫލެއް ވެސް ނެތް. އެންމެ ފަހުން އާދައިގެ ގޮތަކަށް އެ ތަނުގައި ސްކޫލެއް އެޅީ."
ޑރ. މުހައްމަދު މުއިއްޒު

އަދި ފަހުން މި ސަރުކާރުން އެ ސަރަހައްދުގައި ގާއިމް ކުރި ސްކޫލް އަޅާފައި ވަނީ ވަރަށް ފެންވަރު ދަށްކޮށް ކަން ފާހަގަ ކުރެއްވިއެވެ. މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ސަހަރަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އެ ސަހަރުން ދީފައިވާ ގޯއްޗަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގޯތި ދީފައި ދެން ބާކީ ހުރި ތަންތައް ބޭނުންކޮށްގެން ހިތްގައިމު ސަހަރެއްގެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށާއި ތަރައްގީގެ ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް2 ގެ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުމަށް މިއަދު ބެއްވި އިވެންޓުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް / ފޮޓޯ: ޕީޕީއެމް
"މި ތަނަކީ 8 ހަފްތާ ތެރޭގައި އެ މަނިކުފާނުގެ ޒައާމަތުގައި ހިއްކި ތަނެއް. މި ތަނުގެ ކޮންމެ ވެލިފުކެއް ހެކި ވަނީ އެމަނިފާނުގެ [ރައީސް އަބްދުﷲ ޔާމިންގެ] ތަރައްގީ."
ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލީގެ އަގު 5600 އަށް ކުޑަ ކުރައްވާނެ ކަމަށާއި އަދި ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓެއް ބަހައްޓަވާނެ ކަމަށެވެ. އަދި ފިނިޝިންއަށް އާންމު ރައްޔިތުން ކުރި ހޭދައިގެ ބަދަލު ހޯއްދަވައި ދެއްވާނެ ކަން ފާހަގަ ކުރައްވަމުން އެވްރެޖްކޮށް އެ ހަރަދަށް ދިޔަ ވަރު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ގާތްގަނަޑަކަށް 2 ލައްކަ ރުފިޔާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓްގެ އަގާއި މަހު ކުއްޔަށް ދައްކަން ޖެހޭ ވަރުވެސް ކުޑަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެތަންތަނަށް ބޭންކުން ލޯނު ނަގައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވެސް ލުއި ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ސަހަރުން ދިން ގޯއްޗަށް ބަދަލެއް ނުގެންނާނަން. އެ ގޯތި ދިން ތަނަކުން އެ ބަޔަކަށް ގޯތި ލިބޭނެ"
ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލާން ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސް ކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ 9 ސެޕްޓެމްބަރު ގައި ދިން ތާއީދަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެވަނަ ބުރުގެ ވޯޓުގައި އެއަށް ވުރެ ބޮޑު ތާއީދެއް ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒަށް ވޯޓު ދޭންވީ ސިޔާސީ ކަންކަމަށް ހައްލެއް ގެނައުމަށް ނޫން ކަމަށާއި މުޅި ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަންކަމުގެ ތެރޭގައި ގައުމުގެ މިނިވަން ކަން ޔަގީން ކުރުމާއި އަމިއްލަ ގައުމުގައި އަމިއްލަ ބަސް ބުމުނުގެ ޔާގީންކަން ހޯދުމާއި، ގެދޮރުވެރިކަން ޔަގީން ކުރުމާއި، ޒުވާނުންނަށް ފުދުންތެރިކަން ހޯދޭނެ ގޮތް ޔަގީން ކުރުމާއި، ކަނބަލުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތް ޔަގީން ކުރުމުގެ އިތުރުން ވެއްޓިފައި ވާ އިގްތިސޯދު ނަގާ ކޮޅަށް ޖެހޭނެ ވަރުގެ ޔަގީން ކަމެއް ހޯދުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރު ރައްޔިތުން ހިޔާރު ކުރަން އޮތް ދެ ބޭފުޅުންގެ ތެރެއިން އޭނާ ހުންނެވީ ގައުމުގެ ހައްގުގައި މި ކަންކަމުގެ ޔަގީން ކަން ހޯއްދަވައިދެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ބުރަށް މުއިއްޒު ކުރިމަތިލައްވާ އިރު އޭނާ އާއެކު ކޯލިޝަން ހަދާފައި ވަނީ ޕީޕީއެމްގެ އިތުރުން އެމްއެންޕީއެވެ. އެގޮތުން މިހާރު މުއިއްޒުގެ ކެމްޕެއިން ހަރާކަތްތަކުގައި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ބައިވެރި ވެވަޑައިގަންނަވައެވެ.