މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމު ކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން އިން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު މިއަދު އާންމު ކޮށްފައިވާ ކަމަށެވެ. އަދި މި ރަޖިސްޓަރީ އަށް ޝަކުވާ ހުށަހަޅެމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ ތަން ބެލުމަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާއިރު އެއީ ފުރަތަމަ ބުރުގެ ފަހުން 18 އަހަރު ފުރި ގާނޫނީ ގޮތުން ހައްގު ލިބޭ ފަރާތްތަކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282،399 މީހުން ތިބި ނަމަވެސް އަލަށް ވޯޓުލާ މީހުންނާއެކު ދެވަނަ ބުރުގައި ޖުމްލަ 282،807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.