ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިހާބު ކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގުރޫޕުގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ބައިވެރިވެފައި ވަނީ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މަޖިލީހުގެ 11 މެންބަރުންނެވެ. ހުރިހާ މަގާމުތަކަށް ބޭފުޅުން ހޮވިވަޑައިގެންނެވީ ވޯޓު ލެއްވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕްގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުންނަކީ:
- ޕީޖީ ލީޑަރުކަމަށް: އެމްޕީ އަލީ އާޒިމް
- ފީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމަށް: އެމްޕީ އަހުމަދު ޒާހިރު
- ފީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމަށް: އެމްޕީ އިބްރާހިމް ރަޝީދު
- އަމީންއާންމަކަށް: އެމްޕީ މުހައްމަދު ވަހީދު
- ވިޕަކަށް: އެމްޕީ މުހައްމަދު ރަޝީދު
މިއަދު 10:00 އިން 11:00 އަށް އިންތިހާބު ބާއްވާފައި ވަނީ އެ ޕާޓީގެ މައި އޮފީސް ކަމުގައިވާ ހ.މައިޒާންދޮށުގެ 10 ވަނަ ފަންގިފިލާގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރަޓްސް އަށް 15،839 ވޯޓާއެކު އިންތިހާބުގެ ތިން ވަނަ ލިބިފައި ވާއިރު އެ ޕާޓީއަކީ އެންމެ ހަގު އަދި ކުރު މުއްދަތެއްގައި މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއެވެ. އެއާއެކު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާއި ޕީޕީއެމްއާ އެކުވެސް ކޯލިޝަނެއް ހަދަން އެ ޕާޓީން މަޝްވަރާތައް ކުރިއެވެ. ނަމަވެސް އަދި ނަތީޖާއެއް ނުފެނެއެވެ.
މިހާތަނަށް އެޕާޓީން ތާއީދު ކުރާނެ ވަކި ފަރާތެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު އެ ޕާޓީގެ މެންބަރުން ތަކުރާރު ކޮށް ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރާނެ ކަމަށެވެ. އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.