ވ.ރަކީދޫ ކައިރިން ކަނޑުގައި ބޮޑު މަހެއް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ޝުޖާއު އަލީ "ދަ ޕްރެސް" އަށް ވިދާޅުވީ އެ ބޮޑުމަސް ފެނިގެން ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މަސް މަރުވެ ގިނަ ދުވަސް ވުމުގެ ސަބަބުން ގިރެން ފަށާފައިވާ ކަަމަށް ވިދާޅުވިއެވެ. މަސް ގިރިފައިވީ ނަމަވެސް ގާތްގަނޑަކަށް 10 ވަރަކަށް ފޫޓް ހުންނާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އަދި ބޮޑުމަސް ފެނުމާއެކު ފުލުހުންނަށްވެސް މައްސަލަ ރިޕޯޓު ކޮށްފައިވީ ނަމަވެސް ބޮޑުމަސް ނެގުމަށް އެއްވެސް އަމަލީ މަސައްކަތެއް ކުރަމުން ނުދާ ކަމަށް ވެއެވެ. އަދި މިހާރު މަސް އޮޔާ ދަނީ ރަކީދޫގެ އިރުމަތި ކަނޑުއޮޅި ތެރެއިން ކަމަށާއި އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ކުނިވަސް ހުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވެއެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑުމަސް މަރުވެގެން މީގެ ކުރިންވެސް ލައްގާފައި ވެއެވެ. އެގޮތުން 2021 ވަނަ އަހަރުވެސް 45 ފޫޓުގެ ބޮޑު މަހެއް ވަނީ ހިތަދުއަށް ލައްގާފައެވެ.