މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރައްވަން އެމަނިކުފާނުގެ އަނބިކަނބަލުން ދޮރުން ދޮރަށް ހިންގަވާ ކުރެއްވި އަސަރުގަދަ ތަޖުރިބާ ހިއްސާ ކުރައްވައިފިއެވެ.

ފަޒްނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އެކަމަނާ މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ވަޑައިގެންނެވި ކަމަށާއި އަދި އިންތިހާބުގައި ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑައި ނުލާ ކަމަށެވެ.

ރާއްޖޭގެ ރައްތަކަށާއި ރާއްޖެއިން ބޭރަށް ގުޅައިގެން ރީރަޖިސްޓާ ކުރަން ތައްޔާރު ވަމުންދާ ކަން ފާހަގަ ކުރައްވާ ފަޒްނާ ވިދާޅުވީ، ފަތުރަމުންދާ ހީލަތްތެރި ދޮގުވާހަކަތަކުގެ ހަގީގަތް ވެސް މީހުންނަށް އޮޅުންފިލުވާ ދެއްވި ކަމަށެވެ.

މީގެ އިތުރުން ވޯޓް ލާން ނުދާ މީހުންނާ ބައްދަލުވި ކަމަށާއި ދެވަނަ ބުރެއް އޮންނާނެތީ ނުދިޔައީ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށް ފަޒްނާ ފާހަގަ ކުރެއްވިއެވެ. އަދި "އޮފާ" އެއް ލިބުމުން އައިޑީ ދުކޮށްލާފައި ގޭގައި މީހަކު ހުރިކަން ވެސް އެނގިވަޑައިގެންވި ކަމަށް ފަޒްނާ ވިދާޅުވިއެވެ. ފަޒްނާ ވަނީ އެމިހާއަށް 2 ވަނަބުރުގައި ވެސް ވޯޓް ނުލެވޭނެ ކަން ފާހަގަކުރައްވާފައެވެ.

މިދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭބަޔަކާ ވެސް ބައްދަލުކުރީމެވެ. ވަރަށް ބައިވަރު ޝަކުވާ ހުއްޓެވެ. ނުކުންނަމުން އަޅުގަނޑު ބުނީމެވެ. ތިހުރިހާ ވާކައެއް އަޑުއަހާފައި ވޯޓެއް ދޭން ބުނާކަށް ނުކެރޭނެއެވެ. އެމީހުން ހިނިތުން ވެލާފައި ބުންޏެވެ. "ދުވަހަކުވެސް އަދި އެއްވެސް މީހަކު/ޕާޓީއަކުންވެސް އަޅުގަނގުމެންގެ އަޑުއަހައެއް ނުލައެވެ.
ފަޒްނާ

ފަޒްނާ ވިދާޅުވީ، ގެއަށް ވަޑައިގެން ފޯނު ބެއްލެވިއިރު ލިބިވަަޑައިގެންނެވި މެސެޖް އަދި އުފާވެރި ކަމަށެވެ. އުފާވީ މެސެޖު ފޮނުވީ ޕީޕީއެމް މީހަކަށް ވެގެން ނޫން ކަމަށާއި އެ މެސެޖް ފޮނުވި މީހާ މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބަކަށް މެންޓަލް / ސޯޝަލް ކަމެއް ހިމަނާފައިވާތީ ކަމަށް ބުނެފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

މިއަދު އިތުރު 5 ވޯޓް ލިބިވަޑައިގެންވި ކަން ފާހަގަކުރައްވާ ފަޒްނާ ވަނީ މީހުންނާ ޒުވާބުކުރުމުގައި ވަގުތު ބޭކާރު ނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުރައްވަން އެދިވަޑައިގެންފައެވެ.

ފަ.ޒްނާ މި ޕޯސްޓު ކުރައްވާ އިރުކޮޅެއް ނުވަނީސް ޑިލީޓް ކުރައްވާ، އަލުން ވަނީ އެހެން ޕޯސްޓެއް ކުރައްވާފައެވެ.

https://www.facebook.com/693891708/posts/pfbid0rRSRUVu1AsS9bsbgGnF6vTsaEpc8G3wi1MRnWmK38AU3wu2ACEpnSqo6Gvj7sk8al/?mibextid=Na33Lf

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.