ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް ތިރިކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައިފިއެވެ.
އިލްޔާސް މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ އިތުރުވަމުންދާ ނިސްބަތުން މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން، ދައުލަތުގެ ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ، އަންހެނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމަށް އެ މީހުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތައް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ގާނޫނުއަސާސީގައި އޮންނަ އުސޫލު ބަދަލުކުރުމަށް ވެސް ހުށަހަޅައިފައެވެ.
މި އިސްލާހުގައި އިލްޔާސް ހުށަހެޅުއްވީ، އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ ޖުމްލަ 55 މެންބަރުންގެ މައްޗަށް މަޖިލިސް އެކުލަވާލުމަށެވެ. އޭގެ އިތުރުން ހުރިހާ ދާއިރާ އެއް ތަމްސީލު ވާނެ ހެން އަށް އަންހެން މެންބަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެންބަރުންނާއި، ޕާޓީތަކަށް ނިސްބަތުން ލިބޭ ވޯޓަށް ބެލުމަށް ފަހު ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުން ތިބެން ޖެހޭ ގޮތަށް މި އިސްލާހުގައި ހިމަނުއްވާފައިވެއެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބު ބާއްވަން ޖެހޭނީ މި އިސްލާހާ އެއްގޮތަށެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން، ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހޭނެއެވެ. އަދި އިދާރީ ދާއިރާއެއްގައި 5،000 އަށް ވުރެ މީހުން އިތުރުވާ ނަމަ، ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ވާނެ ކަމަށް ވެއެވެ.
އެހެންކަމުން އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މިދިޔަ ޖުލައި މަހު އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.