މިއަދު ހެނދުނު ހުޅުމާލޭ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގަައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ ކަމަށާއި އަދި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވެފައި ވަނީ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަރާތްތަކުންނެވެ. އަދި މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 8:39 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.

މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުންދާއިރު ފެންނަނީ އެ އިމާރާތުގެ މަތިން ބޯ ކަޅު ދުން އަރާ މަންޒަރެވެ.

ދާދިފަހުންވެސް ވަނީ މާލޭގައި ހުރި ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.