އިންޑޮނީޝިއާ އިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އިންޑޮނީޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރި ކަމަށެވެ. އަދި އެއާއެކު އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އެކަން ބަލާފައިވާ ކަމަށެވެ.
އެގޮތުން ބެލިބެލުމުން، އެ އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަން ކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތް ކުރާ ބައެއްކަން އެނގިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ މަސްވެރިން ބާޖަށް އަރާފައިވަނީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން ރޭގަނޑުގެ ވަތުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެ މަސްވެރިން ބާޖަށް އަރާފައި ވަނީ އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ ކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސްވެރިން މިހާރުވަނީ މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.