ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުންކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު އެ މަޝްރޫއުގެ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ 28،304 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި 3354 ކިއުބިކް މީޓާރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 402 މީޓަރުގެ އެއްގަމު ތޮށިލުމާއި 170 މީޓަރުގެ ބޭރުތޮށިލުމާއި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުުމުގެ މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށްފަހު ކަމަށެވެ.

އޭދަފުއްޓަކީ ބ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމާއެކު އެ ރަށުގެ ގިނަ ޒުވާނުން ވަޒީފާއަދާކުރަނީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓުތަކުގައެވެ. އަދި "ސްޕޯޓްސް ފިޝިން" އަށް ދިއުމަކީ އެ ރަށުގެ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު ކަމަކަށްވާއިރު އެ ރަށުގައި ގިނަ ލޯންޗު ފަހަރާއި ޑިންގީތަކާއި މަސްވެރިކަންކުރާ ދޯނި ފަހަރުވެސް އޮވެއެވެ.

އެމްޓީސީސީއިން ބުނީ އެ ރަށުގެ ބަނދަރަކީ ކާރޯބާރު ބޮޑު ބަނދަރެއްކަމުން ދޯނި ފަހަރާއި ލަފާ ފުރުމުގެ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއު ނިމުމާއެކު ލަފާފުރުމުގައި އޮތް ދަތިތައް ހައްލުވެ، ރަށުގެ އިގްތިސޯދަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް އެމްޓީސީސީއިން ފާހަގަކުރެއެވެ.