ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހާސިލުކުރަން ބޭނުންވި މަގްސަދާއި ނަތީޖާ ނެރެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި އީވާ ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ބެހޭގޮތުން އެއްޗެއް ދަންނަވަން ބޭނުންވާ ކަމަށެވެ. އަދި އީވާ މިހާރު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށާއި ރަނިންމޭޓު، ހުސައިން އަމްރުއަށް ވަނީ މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

އީވާ ވިދާޅުވީ ވަރަށް ކުރު މުއްދަތެގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓް ކަމަށް ނިކުމެވަޑައިގަންނަވާ ހާސިލު ކުރައްވަން އެދިވަޑައިގެން މަގްސަދާއި ނަތީޖާ ނެރުވިކަން ދިވެހި ހުރިހާ ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ އެކަމާ މެދު ސުވާލެއްވެސް ނެތް ކަމަށާއި ރުޅާލެވިއްޖެ ކަމަށެވެ. އަދި ދެވަނަ ބުރުގައިވެސް ދަ ޑިމޮކްރެޓްސްއިން އަޅާ ފިޔަވަޅަކީ މުހިއްމު ފިޔަވޅެއް ކަމާ ދޭތެރޭ އެއްވެސް މީހަކު ޝައްކެތް ނުކުރާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެމްޑީޕީއިން އިނާމުތައް ދިން ކަމަށާއި ރަށްރަށާއި އޮފީސްތަކުގައި އަދި މަޖިލީހުގައި ވެސް ފުރައްސާރައާއި މަލާމާތްތައް ކުރަމުން ދިޔަ ކަމަށެވެ. އަދި ވަޒީފާތަކާއި ވިޔަފާރިތައް ކުރަމުން ދިޔަ މީހުންނަށް ބިރު ދައްކަމުން ދިޔަ ނަމަވެސް އެކަމަށް ނޫނެކޭ ބުނެ ދުރު ރާސްތާ ވިސްނުމަކާއި އަސާސްތަކުގައި ހިފައިގެން ނިކުތް ޑިމޮކްރެޓުންނަށް އީވާ ވަނީ މަރުހަބާ ދަންނަވާފައެވެ.

އީވާ އިތުރަށް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާއަކީ ދަ ޑިމޮކްރެޓްސްއަށް އެންމެ ގިނަ ވޯޓު ލިބުނު ދާއިރާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.