ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅުން ފަތުރަނީ ދޮގު ވާހަތަކެއް ކަމަށާއި އިންތިހާބުގެ ދެވަނަ ބުރަކަށް ނުކުންނަވާއިރު އެކަންކަން ރައްޔިތުންނަށް ސާފު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،151 (39.05 ޕަސެންޓު) ވޯޓާ އެކު ދެވަނައެވެ. އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަދު ރާއްޖެ ޓީވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ސާރުކާރާ ދެކޮޅަށް ވަރަށް ގިނަ ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ ސިފައިންނާ ގުޅުވައި ދައްކާ ވާހަކަތަކާއި، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ ވާހަކަތައް ފަތުރަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ފަދަ ގޮތަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި، އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، އޭގަ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ ކަން، އެ އެއްޗެހިތައް ކިޔައިދިނީމަ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވިސްނޭނެ މިއީ [އިދިކޮޅުން ދައްކާ ވާހަކަ ތަކަކީ] އޮޅުވާލުމަކާއި ދޮގެއްގެ ތެރެއިން ކޮށްފަ ހުރި ކަންތައްތައް ކަން، އަޅުގަނޑު ހިތުން އެކަން ކުރެވޭނެ ދެވަނަ ބުރުގެ ތެރޭގަ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި އެއީ [އިދިކޮޅުން ދައްކާ ވާހަކަ ތަކަކީ] އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ދެވަނަ ބުރުގައި އެކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެއްދެވުމަށް މިހާރުވެސް މަޝްވަރާތަށް ފަށާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީއާއެކު އެ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި ވާ ބައެއް ބޭފުޅުން އެބަ ތިއްބެވި ކަަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.