ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައި ވާކަން އެމްޑީޕީއިން މަޖިލީހަށް އަންގާފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.
ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އެ މައްސަލަތައް ހުށަހެޅުއްވި އެމްޑީޕީން އަނބުރާ ގެންދިޔަކަން އަދި ރައްޔިތުންގެ މަޖިލީހަށް އަނގަވާފައި ނުވާ ކަމަށެވެ.
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވިނަމަވެސް، މާދަމާ މަޖިލީހުގެ ޖަލްސާ މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ. ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައި ވާއިރު އެ ދެ މައްސަލަ އޮތީ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މައްސަލަތައް އަނބުރާ ނަގަން ނިންމީ "މިވަގުތު ކަންކަން އޮމާންކޮށް ގެންދިއުމަށް" ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ނަޝީދު ވަކިކުރަން ހުށަހެޅީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެއީ މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާއެކުއެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި ބުނީ، ނަޝީދު ވަކިކުރުމަށް ނިންމީ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުންދާތީ ކަމަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ނަޝީދު ފުރުސަތު ނުދެއްވުމާއި، މަޖިލީހުގެ ނިޒާމް ގެއްލުވާ ލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް އެ ގަރާރުގައިވެއެވެ.