ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވާ އިރު، އެ ބުރުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ފުތަރަމަ ބުރުގައި ވެސް ބޭނުން ކުރި ނަންބަރު ކަމަށް އިލެކްޝަން ކޮމިޝަން ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
އެގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑޭޓް ނަންބަރަކީ 4 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑޭޓް ނަންބަރަކީ 3 އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،180 (46.02 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، ރައީސް ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 85،935 (39.09 ޕަސެންޓު) ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
މި އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތަކަށް ތައްޔާރު ވަމުން އަންނަ އިރު، ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ ކޯލިޝަނާ ގުޅުމަށް އެއްވެސް ފަރާތަަކށް ދައުވަތު ދީފައިވާ ކަަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. މުއިއްޒު މިރޭ ބޭއްވި ހަރަކާތެއްގައި ވަނީ އެކުގައި މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް ދައުވަތު ދެއްވާފައެވެ.
ޕީއެންސީއާއި ޕީޕީއެމް ކޯލިޝަނާއެކު މުއިއްޒު މި އިންތިހާބަށް ނިކުންނެވި އިރު ރައީސް ސޯލިހް ނިކުންނަވާފައި ވަނީ އެމްޑީޕީގެ ފަރާތުން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދައިގެންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހެވެ.