ސްޕްރީމް ކޯޓުގެ އަނބު ގަހުން އަނބު ބިން މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ހއ. ހޯރަފުށީ އުމުރުން 39 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ. އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހަށް އޭނާ ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލާގެ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަނބު ގަހުން އަނބު ބިންނަނިކޮށް ހުއްޓާފައިވާ ކަމަށާއި އަދި ސްޕްރީމް ކޯޓުގެ ތެރެއަށް ނުވަންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
އޭނާ އަނބު ބިނީ ވޯޓުލުން އޮތުމުން ރައްޓެހިންނަށް ދިނުމަށްޓަކައި ކަމަށާއި އެ ގަހުން އަނބު ބިނުމަކީ މަނާކަމެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓުން ބުނީ އެ މީހާއަކީ މީގެ ކުރިން ހައްޔަރުކޮށް، ބަންދު ކޮށްފައިވާ މީހެއް ކަމަށާއި ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
މީގެ ކުރިންވެސް ކޯޓުތަކުގެ ފޫޓު އެތެރޭގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިން މައްސަލާގައި މީހުން ހައްޔަރުކޮށް ބަންދު ކޮށްފައި ވާއިރު ޖުވެނައިލް ކޯޓު އަނބު ގަހަކުން ގިނަ އަދަދެއްގެ އަނބު ބިނދެގެން ދަނިކޮށް ހައްޔަރުކުރި މީހަކު ހަ މަސް ދުވަހަށް ޖަލަށްވެސް ލިއެވެ.