ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު ބަޔަކާއެކު ކޯލިޝަން ހައްދަވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގައި ބެހެއްޓި ހުރިހާ ފޮއްޓެއް ގުނާ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައި ވާއިރު އިންތިހާބުގައި 101،180 ވޯޓާއެކު ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ވޯޓުލީ މީހުންގެ 46.02 ޕަސެންޓެވެ. އިންތިހާބުގެ ދެވަނަ ލިބިވަޑައިގަތީ 85،935 ވޯޓާއެކު ރައީސް ސޯލިހުއަށެވެ. ޕަސެންޓުން ބަލާނަމަ އެއީ 39.09 ޕަސެންޓެވެ.

ރައީސްގެ ކެމްޕެއިން އޮފީސް ސަރަހައްދުން ރޭ ނޫސްވެރިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާ ގުޅެން ޖެހޭ ކަމަށެވެ. ނޫސްވެރިން އެމަނިކުފާނާ ކުރިމަތި ކުރި ސުވާލަކީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ އަހާ ކުރި ސުވާލެކެވެ.

އަދި ޕީޕީއެމް އިންވެސް ކޯލިޝަން ހެދުމުގެ މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މިއަދު އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ އުންމީދު ކުރެއްވި ނަތީޖާތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވަނީ ކުރިން ވިސްނިވަޑައިގެންފައި ނުވާ ކަންތައްތަކެއް އިންތިހާބުގައި ހިނގައި ގޮސްފައިވާ ކަމަށެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު މީގެ ކުރިން "ކިންގް މޭކާ"ގެ ލަގަބު ހޯއްދަވަމުން ދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ 5610 ވޯޓާއެކު ފަސްވަނައެވެ. ތިންވަނަ އާއެކު ކިންގް މޭކާގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. 6324 ވޯޓާއެކު ހަތަރު ވަނަ ލިބިވަޑައިގަތީ އަމިއްލަ ގޮތުން އިންތިހާބުގައި ކުރިމަތިލެއްވި އުމަރު ނަސީރެވެ.

ރައީސް ސޯލިހް އަދި މުއިއްޒު ވެސް ވަނީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.