މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރި ފޮށިތަކުން ކުރީގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާަފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ. އަދި 16:00 ގައި ވޯޓު ކިއުތައް ބަންދު ކޮށްފައި ވާއިރު ވޯޓުލާ ނިމުނު ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާން ކުރަން ފަށާފައެވެ.
އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުން ޖުމްލަ 200 ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު 43.1 ޕަސެންޓާއެކު ކުރީގައި އޮތީ މުއިއްޒުއެވެ. އެއީ 23،309 ވޯޓެވެ. 12،2361 ވޯޓާއެކު ދެވަނައިގައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޕަސެންޓުން ބަލާ ނަމަ އެއީ 41.3 ޕަސެންޓެވެ.
ލިސްޓުގެ ތިން ވަނައިގައި 3373 ވޯޓާއެކު ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އޮތް އިރު ޕަސެންޓުން ބަލާނަމަ އެއީ 6.2 ޕަސެންޓެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރަށް ލިބިވަޑައިގެންފައި ވަނީ 1399 ވޯޓެވެ. 1441 ވޯޓާއެކު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގެންފައި ވާއިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހުމަދު ނާޒިމް އަށް އެ ފޮށިތަކުން ލިބިވަޑައިގެންފައި ވަނީ 298 ވޯޓެވެ. އަދި ހަމައެހެންމެ ފާރިސް މައުމޫނަށް 290 ވޯޓު ލިބިވަޑައިގެންނެވިއިރު ޒަމީލް އަށް ލިބިވަޑައިގަތީ 53 ވޯޓެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.