ރިޔާސީ އިންތިހާބުގެ ވޯޓު ކިއު ބަންދު ކޮށްފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 އެވެ. މިއަދު 16:00 ގައި ކިއު ބަންދު ކޮށްފައި ވާއިރު ކިއު ބަންދު ކުރުމަށް ވޯޓުލާ މަރުކަޒުން އޮފިޝަލެއް ވަނީ ކިއުގެ އެންމެ ފަހަތަށް އަރާފައެވެ. އަދި އިތުރަށް ކިއުއަށް ނޭރޭނެ ކަމަށާއި ވޯޓު ލުމަށް އިތުރު ވަގުތު ނުދޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
ވޯޓުލާ ވަގުތު ޖެހުނު އިރު ބައެއް ކިއުތަކުގައި ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކަލާފާނު ސްކޫލާއި އަމީނިއްޔާ ސްކޫލްގައި ބައެއް ވޯޓު ފޮށިތަކުގެ ކިއު އަދިވެސް ދިގެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މެންދުރު 2:00 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ 164،981 މީހުންނެވެ. އެއީ 82،798 ފިރިހެނުންނާއި 82،183 އަންހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.