ބ. ތުޅާދޫގައި ގަލަމެއްގައި ހަރުކޮށްފައިވާ ކެމެރާއަކުން، ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދު ދަރުބާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ބ. ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ފޮޓޯ ނެގިކަމުގެ ހަބަރު ލިބިގެން އެ ކަން އީސީއިން ބަލާފައިވާނެ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު މިހާރު އެ ރަށުގައި ވޯޓުލުމުގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދާ ކަމަށެވެ،
ތުޅާދޫގައި ފޮޓޯ ނަގާފައި ވަނީ ގަލަމަކުން ކަމަށާއި ފޮޓޯ ނެގިޔަސް ވޯޓު ކަރުދާސް ފޮއްޓަށް ލެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ވޯޓު ލެވުނު ނަމަވެސް އެ ކުރި އަމަލަކީ އެ ކުށަކަށްވާތީ އެކަން ފުލުހުން މެދުވެރިކޮށް ބަލާނަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވޯޓު ކަރުދާސް ދައްކައިފިއްޔާ ނުވަތަ ފޮޓޯ ނަގައިފިއްޔާ އެކަން އީސީއިން ގަބޫލު ނުކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަބީބް އިތުރަށް ވިދާޅުވީ ވޯޓު ކަރުދާސް ދައްކައިފިނަމަ ނުވަތަ ފޮޓޯ ނަގައިފިނަމަ އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
މީގެއިތުރުން އއ. ރަސްދޫގައި ވޯޓުލުން މެދުކެނޑިފައިވާކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ ރަސްދޫގައި ވޯޓުލުން މެނދުކެނޑިފައިވަނީ އެ ރަށުގެ ވޯޓުލާ މަރުކަޒުގެ 2 ވޯޓު ފޮށީގެ 2 އޮފިޝަލަކު އިގުރާރާ ހިލާފްވެގެން ކަމަށެވެ. އަދި އެ 2 އޮފިޝަލުން ވެސް އިގްރާރާ ހިލާފުވެފައިވާ ކަމަށް އެއްބަސްވެފައިވާ ކަމަށާއި އިގްރާރާ ހިލާފުވި 2 އޮފިޝަލުންގެ ބަދަލުގައި އެހެން 2 އޮފިޝަލަކު ހަމަޖައްސަައިގެން އަނެއްކާ ވޯޓުލުން ކުރިއަށްދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
ކ. އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ވޯޓު ނުލެވޭ މައްސަލައެއް ވެސް ހުށަހަޅާފައިވާއިރު ރަޖިސްޓްރީކޮށްފައިވާ ފާރާތްތަކުގެ ވޯޓު ކަރުދާސް އެ ރަޖިސްޓްރީވެފައިވާ ފޮއްޓަކަށް ފޮނުވާފައިވާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ހަވީރު 6:00އިން މިއަދުގެ 12އާ ހަމައަށް 14 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ އެ މައްސަލަތަކުގެ ތެރޭގައި ބޫތު ހުންނަ ގޮތުގެ ޝަކުވާ، ވީޑިއޯ ނުވަތަ ފޮޓޯ ނަގާކަމުގެ ޝަކުވާ އަދި މޫނު ބުރުގާ އަޅާ މީހުން އެއީ ކާކުތޯ ބަލަން ޗެކު ކުރާއިރު އެހެން މީހުންނަށް ފެންނަ ކަމުގެ ޝަކުވާ ހިމެނޭ ކަމަށެވެ.