މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓު ލައްވައިފިއެވެ.

ނާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި މާފަންނު އުތުރު ދާއިރާގެ ދެވަނަ ވޯޓު ފޮށްޓަށެވެ.

ނާޒިމް ގެ އިތުރުން ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖެހި އިރު ފަށާފައި ވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވެއެވެ. އޭގެ ތެރޭ 138،196 އަންހެނުންނާއި 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 21،000 ޒުވާނުން ހިމެނެއެވެ.

މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.

21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައި ވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.