ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ކޯސްޓްގާޑްސް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރްސީސީ) އިން ބުނީ ހުޅުމާލެ ފަޅަށް ވަންނަ ސަރަހައްދުން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގި ކަމަށް މިރޭ 20:09 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ހިމެނޭ އެއް ލޯންޗަކީ ލިއޯ ޓްރޭޑިންގެ ލޯންޗަކަށްވާއިރު އެ ލޯންޗު ދަތުރު ކުރަމުން ދިޔައީ އެ ކުންފުނީގެ 8 މުވައްޒަފުން އަދި ލޯންޗުގެ 2 ފަޅުވެރިންނާއެކު ކަމަށް އެމްއާރްސީސީ އިން ބުނެއެވެ. އެ ލޯންޗުގައި ދަތުރުކުރި 5 މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެ ލޯންޗު ދުއްވަން އިން މީހާގެ ހާލަތު ކްރިޓިކަލް ކަމަށް ވެސް އެމްއާރްސީސީ އިން ވަނީ ބުނެފައެވެ.

އެމްއާރްސީސީ އިން ބުނީ އެކްސިޑެންޓުގައި ހިމެނޭ އެނެއް ލޯންޗު 13 ގެސްޓުން އަދި 3 ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔައީ ޖޯއި އައިލެންޑުން އެއާޕޯޓަށް ކަމަށެވެ. އަދި އެ ލޯންޗަށް ލިބިފައި މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށާއި ހުރިހާ ގެސްޓުން ވެސް ފުރުމަށް މިހާރު އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާ ކްރާފްޓުން އަދި މެރިން ޕޮލިހުންވެސް ވަނީ މި ހާދިސާގެ ހަބަރު ލިބުމާއެކު ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކު ގެއްލިފައެއް ނުވެއެވެ.