ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއް ނޫންކަމާއި، އެއީ ގައުމެއްގެ އިސް ވެރިއެއްގެ ސޮއި ފޯޖްކޮށް ހަދާފައިވާ ސިޓީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޕޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ހަބަރެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުކުރަމުންދާ ސިޓީއެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ،

ދައުރުކުރަމުންދާ އެ ސިޓީއަކީ މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއް ނޫންކަމާއި، އަދި ގައުމެއްގެ އިސް ވެރިއެއްގެ ސޮއި ފޯޖްކޮށް، ހަދާފައިވާ ސިޓީއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ފަދަ އަމަލުތަކުގެ ސަބަބުން ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުމަށް ބުރޫއަރައި ދިވެހިރާއްޖޭގެ އަގު ބައިނަލް އަގްވާމީ މުޖުތަމައުގައި ވެއްޓި، ދިވެހިރާއްޖެއަށް ކުރާ އިހްތިރާމް ހީނަރުވާނެ ކަމެއް ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، އެއްވެސް އަސާސެއް ނެތް ގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ލިޔެކިޔުންތައް ފޯޖްކޮށްގެން ކުރެވެމުންދާ ކަންކަން އެންމެ ހަރުކަށި އިބާރާތުން މިނިސްޓްރީން ކުށްވެރި ކުރާ ކަމަށެވެ.

އަދި އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސް އަދި ނޫސްވެރިކަމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ޒިންމާދާރު ކަމާއެކު އަމަލުކުރުމަށް ނޫސްވެރިންނަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ސިޓީގައި ވަނީ ކުރިން އެއްބަސްވެފައިވާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ)ގެ އިތުރުން ޖުމްލަ 11 ޔޫއޭވީ އާއި 550 މިލިއަން ޑޮލަރު، އިތުރު ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް، އެ އުޅަނދުތައް ވެސް އޮޕަރޭޓުކުރާނީ ގާބިލުކަން ހުރި މިންވަރުން އެމްއެންޑީއެފުން ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރަން އިންޑިއާ އިން ވަމުންދާ އެހިތެރީކަން ފުޅާކުރުމަށްޓަކައި، ހަނިމާދު އާއި ލ. ގަމުން މަދުވެގެން 15 ހެކްޓަރުގެ ބިން 99 އަހަރަށް އިންޑިއާ ސަރުކާރަށް ދޭން އެއްބަސްވާންޖެހޭނެ ކަމަށާއި އޭގެ ބަދަލެއްގެ ގޮތުގައި މިހާރު އިންޑިއާ އިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްތައް 1.94 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކޮށްދޭން އިންޑިއާ ސަރުކާރުން އެއްބަސްވާ ކަމަށް ބުނެފައި ވެއެވެ.

އަލަށް ވާ އެއްބަސްވުމުގެ ދަށުން، އެ ސިޓީގައި ބުނެފައިވާ ގޮތުން ނަމަ ދިވެހި ސަރުކާރުގެ ސޮވެރިން ޑެޓް މާފުކޮށްދޭނެއެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ދަރަނީގެ ހާލަތަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.