ހޮނިހިރު ދުވަހަކީ އަައްޑޫ ސިޓީގެ ތާރީހީ ބޮޑު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އެފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓު، ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައެވެ.
ރައީސް ސޯލިހު ވިދާޅުވީ ބުރުބުރުން އިންތިހާބުތައް ކާމިޔާބުކުރި ދުވަސްވަރުވެސް އައްޑޫގެ ރައްޔިތުން ތިބީ އެންމެ ކުރީ ސަފުގައި ކަމަށާއި މާދަމާ ނޫން އަނެއް ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ނިންމުމުގައި ކުރީ ސަފުގައި ވެސް ތިބޭނީ އައްޑޫގެ ރައްޔިތުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއްބުރުން އެ ދުވަހު ނިންމާ ނިންމުން ސީލްކޮށް ނިންމާނީ އައްޑޫ ސިޓީއިން ކަމަށާއި އެއާއެކު އައްޑޫ ސިޓީއިން ކުރި ދިގު ދަތުރު ނިމެނީ އުފާވެރި އަމާން ރާއްޖެއަކުން ކަމަށެވެ. އަދި މީގެ ކުރީގެ މުޒާހަރާތަކުގައި އައްޑޫގެ ރައްޔިތުން ދެއްކި ޖޯޝާއި ފޯރި އަދި ލިބުނު އަނިޔާތައް ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު ފެންނަނީ އެ ދުވަހު ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށާއި އެ ދުވަހު އިންދި ގަހުގެ ހިޔަލާއި މޭވާ ދޮންވެ ފައްކާވަމުން އަންނަތަން ކަމަށެވެ.
އެއާއެކު މި ފެށޭ ރިޔާސީ އާ ދައުރަކީ ހާއްސަކޮށް އައްޑޫ ސިޓީގެ މޭވާ ބިންނާނެ މޫސުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީއިން 190 ހެކްޓަރު ބިން ހިއްކިއްޖެ ކަމަސާއި މުޅިން އަލަށް ހުޅުވޭ 5 ރިސޯޓުގެ ތެރެއިން 3 ރިސޯޓު ހިއްކާ ނިމިއްޖެ ކަމަށެވެ. އަދި 124 ކިލޯ މީޓަރުގެ މަގު އެންމެ ޒަމާނީ ފެންވަރަށް ތާޅު އަޅާ ހަދާ ނިމެމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ސަންގްރިއްލާ އަށް ދިމާވެފައިވާ މައްސަކައްަށް ހައްލެއް ގެނެވޭ ކަމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި 1984 ވަނަ އަހަރު ހަރުކޮށްފައިވާ ވަސީލަތްތައް ބަދަލުކުރެވެމުން އަންނަ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ ހަންކެނޑެ އިންޓަގްރޭޓަޑް ޕްރޮޖްކްޓް ތަކުގައި ސޮއިކޮށް އެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.