ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ ރަށްތަކަށް ގިނަ ވައުދުތަކެއް ވެވަަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އަންނަ ދައުރުގެ ތެރޭގައި އައްޑޫ ސިޓީގެ ވަކި ވަކި ރަށްރަށަށް ކޮށްދެއްވާނެ ކަންކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ތާރުއަޅައިދެއްވާނެ ކަމަށް ވިދާލުވެފައެވެ. އައްޑޫގައި 1000 ފްލެޓް އަޅައިދިނުމަށާއި ހިއްކި ބިންތަކުގައާއި ޓޫރިޒަމް ޒޯންތަކަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ އިތުރުން މަގުތައް ހަދައިދީ ނިންމައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކޮށް، ވެހިކަލް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތައް ގާއިމުކޮށް، ވެހިކަލް މަރާމާތު ކުރަން ބޭނުންވާ ތަމްރީނުތައް ހެދުމުގެ ފުރުސަތުތަކާއި ރީ އެކްސްޕޯޓް ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވަނީ އެސްޓީއޯ އަދި މޯލްޑިވް ގޭހުން ވިއްކާ މުދާ މާލެއާ އެއް އަގެއްގައި އައްޑޫއަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށާއި އައްޑޫ ސިޓީގައި ބިޒްނަސް އިކުއިވެލޭޝަން ސެންޓަރަކާއި ކޯ ވޯކިން ސްޕޭސް އާއި ކޮންފަރެންސް ފެސިލިޓީއެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫގައި ހިމާޔަތް ކޮށްދީފައިވާ ތަންތަނުގައި އިކޯ ޓޫރިޒަމް ތަރައްގީކޮށް، ރޭސިން ޓްރެކެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިތުރު ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށްދިނުމަށާޢި އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ވަސީލަތްތައް އިތުރު ކޮށްދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ގޮތަށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ / ފޮޓޯ: ކެމްޕެއިން ޓީމު

އައްޑޫ ސިޓީއަށް ކުރިއަށް އޮތް ދައުރަށް ރައީސް ސޯލިހު ވެވަޑައިގެންނެވި އިތުރު ވައުދުފުޅުތައް:

  • މެރިން ސްޓަޑީސްއަށް ހާއްސަ މަރުކަޒެއް ހެދުމަށް
  • ޑިސްއޭބިލިޓީ މެނޭޖްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް އެޅުމަށް
  • ހުރިހާ ދާއިރާގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމް ގާއިމުކުރަން
  • ދަނާލެއް ހަދާ، މަތީ ތައުލީމީ ފުރުސަތު އިތުރުކޮށްދިނުމަށް.
  • ސިނާއީ މަސައްކަތްތަކަށް އެގްރޯ ނޭޝަނަލްގެ ހިދުމަތްތައް ފުޅާކުރުން.
  • މިފްކޯގެ ފެސިލިޓީއަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ކެޕޭސިޓީ އިތުރުކޮށް މަހުގެ އަގު ރަނގަޅު ކޮށްދެއްދިނުން.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ އައްޑޫގެ ވަކި ވަކި ރަށްރަށަށްވެސް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ. އެގޮތުން މަރަދޫގައި ވޯލީކޯޓަކާއި ބެޑްމިންޓަން ކޯޓެއް އެޅުމަށާއި މަރަދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމަށާއި މަރަދޫ ފޭދޫގައި ބޮޑު ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް ރައީސް ވަނީ ވައުދު ވެވަޑައިގަންނަވާފައެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ސްކޭޓް ޕާކަކާއި ފޭދޫގެ ކުރީގެ ފްޓްބޯޅަ ދަނޑުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށާއި ދުވާ ސިންތެޓިކް ޓްރެކާއި ހޭންޑް ބޯލް ކޯޓެއް ގާއިމުކޮށްދިނުމަށް ރައީސް ސޯލިހު ވަނީ ވައުދުވެވޑައިގަންނަވާފައެވެ.

ހުޅުމީދޫއަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތައް:

  • އައްޑޫގެ ސިޓީ ކައުންސިލް އިދާރާއިން ލިބޭ ހުރިހާ ހިދުމަތްތައް ހުޅުމީދޫއިން ލިބޭގޮތް ހެދުން.
  • ވަށާ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުން.
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ހެދުން.
  • ހުޅުދޫ އާ އިޖްތިމާއީ މަރުކަޒު އެޅުން.
  • މީދޫ ދުވާ ޓްރެކް އެޅުން.
  • ހުޅުދޫ މޫދަށް އެރޭނެ ތަންތަން އިތުރަށް ތަރައްގީކޮށް ފަސޭހައިން އެރެވޭނެ ގޮތް ހަދައިދެއްވާނަން.
  • ގަމާއި ހިތަދޫ ގެ ފެރީގެ ހިދުމަތް އަވަސްކޮށް އެ ހިދުމަތް ފުޅާކުރުން.
  • ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ފެންވަރު ރަނގަޅު ތައުލީމު ރަށުގައި ތިބެގެން ލިބޭގޮތް ހަދައިދިނުން.
  • ހުޅުމީދޫގެ ޓޫރިޒަމް ޒޯންގައި ފެނާއި ނަރުދަމާ ހިދުމަތް ދިނުން.

ރައީސް ސޯލިހު ވިދާޅުވީ ވިޝަނެއް އެބައޮތް ކަމަށާއި އެ ވިޝަނަކީ ހުރިހާ ކަމަކާއެކު އައްޑޫގެ ހުރިހާ ރަށްތައް ތަރައްގީކުރުން ކަމަށެވެ.