ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލް ކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިއުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

އެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، އައިއޯއައިޖީގައި ހޯދި ފަހުރުވެރި ކާމިޔާބަށް އެ މުބާރާތުގައި ބައިވެރިވި ހުރިހާ އެތުލީޓުންނަށް މަރުހަބާ ކިޔާ ކަމަށެވެ. މިއީ އެ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ގޮތުގައި ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބީގައި ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލގެ ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން 6 އެތުލީޓަކު ވަނީ އައިއޯއައިޖީ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ. އޭގެތެރެއިން 4 އެތްލީޓެއް ވަނީ ރާއްޖެަށް މެޑްލަ ހޯދައިދީފައެވެ.

ސްކޮލަޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

  • މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
  • ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ކަމަށް ބީއެމްއެލުން ބުނެއެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.