މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ބެޗުގައި ޕައިލެޓް ކޯސް ފުރިހަމަ ކުރި 18 ދަރިވަރުންގެ ދަސްވެނިވި ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން، ޕައިލެޓުން ތަމްރީނު ކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފަނު ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާ ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކާ އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، އެ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހްކޮށްފައި ވަނީ ޑިސެންބަރު 28 2021ގައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކޮށްފައެވެ. އަދި އެ އެކަޑަމީގައި މިހާރުވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އަންނައިރު 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.