މިދިޔަ މަހު ބޭރަށް ހިންގައިގެން 10،447 މީހަކު ފަރުވާ ހޯދާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތުގެ މި މަހުގެ ތަފްސީލު ހާމަކުރަމުން އެޗްޕީއޭއިން ބުނީ މިދިޔަ ޖުލައި މަހާ އަޅާ ބަލާއިރު މި މަހު ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހު ބޭރަށް ހިންގާތީ 7384 މީހަކު ފަރުވާ ހޯދި ނަމަވެސް މިދިޔަ މަހު 10447 މީހަކު ބޭރަށް ހިންގާތީ ފަރުވާ ހޯދި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ބޭރަށް ހިންގުން ރިޕޯޓް ކޮށްފައިވާ މިންވަރަށް ބަލާއިރު، މިއަހަރު އެ މުއްދަތުގައި ރިޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭރަށް ހިންގައިގެން 3620 މީހުން ރިޕޯޓް ކޮށްފައިވާއިރު ޖުލައި މަހު ވަނީ 3103 މީހުން ރިޕޯޓް ކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
  • ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
  • ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހަށްވުރެ މިދިޔަ މަހު ޑެންގޫހުމާއި އަރިދަފުސް ރޯގާވެސް އިތުރުވެފައިވާއިރު މިދިޔަ ޖުލައި މަހު 271 މީހަކަށް ޑެންގޫ ޖެހުނުއިރު މިދިޔަ މަހު 323 މީހަކަށް ވަނީ ޑެންގޫ ޖެހިފައެވެ. އަދި މިދިޔަ ޖުލައި މަހު 23206 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާއިރު އެ އަދަދު އިތުރުވެ، މިދިޔަ މަހުގެ ތެރޭގައި 28680 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ.