އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ރ. މާކުރަތަށް ވަޑައިިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާކުރަތުވެސް އޮތީ އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރަން ތައްޔާރަށް ކަމަށެވެ. އަދި އެއީ ވޭތުވެދިޔަ 5 އަހަރާއި މި ކުރިޔަށް ދާ 5 އަހަރުގެ ހުރި ތަފާތު ރައްޔިތުންނަށް ފެނިފައި ވާތީ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އެ ރަށަށް ވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭރު ވަޑައިގެންނެވިއިރު މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސްވެގެން ރައްޔިތުން ޝަކުވާ ކުރި ކަންކަމުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް ވުރެ ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތަކުގެ ސްޕީޑް އަދިވެސް އަވަސްކޮށްލަންވީ ކަމަށެވެ.
ކުރިއަށް އޮތް އިންތިހާބަށް ވޯޓުލާއިރު ވިސްނަން ޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށާއި އެއީ ގައުމުގެ މުސްތަގްބަލް ބިނާ ކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތީ އެމްޑީޕީ އަދި ޕީޕީއެމް ކަމަށް ވާއިރު އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ރައްޔިތުންނަށް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުން ރައީސް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުން އެނބުރި ދާންޖެހޭނީ މިދިޔަ ސަރުކާރުގައި އޮތް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ކަމަށެވެ. އަދި ރައްޔިތުން އެނބުރި އެ ދުވަސްތަކަށް ދާން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓު ފިޔަވައި އެމަނިކުފާނާ ގާތަށް ވެސް އާދެވޭނެ ކެންޑިޑޭޓެއް ނެތެވެ. އަދި އެހެން ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށާއި ވޯޓު ބޭކާރު ކޮށްނުލުމަށް ރައީސް އިލްތިމާސް ކުރެއްވެވިއެވެ.
ރާއްޖެ ތަރައްގީ ވާނީ ހުރިހާ ރަށަކަށް ވެސް ހިދުމަތްތައް ފޯރުކޮށްދީގެންކަން ފާހަގަ ކުރައްވައި މާކުރަތަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ރައީސް ވިދާޅުވީ މާކުރަތުގައި އިތުރަށް ބިން ހިއްކައި، ހައުސިން ޔުނިޓް އަޅައިދިނުމައި އެ ރަށުގައި ފެންބޮޑުވާ މަގުތަައް ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމާއި ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ސްކޫލަށް ބޭނުންވެފައިވާ މަލްޓިޕާޕަސް ހޯލް ހަދާ ރަށުގައި ތިބެގެން ސިއްހީ ފަރުވާ ލިބޭނެ ތަނަކަށް އެ ރަށް ހެދުމަށް ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއްގެ ގާއިމްކޮށް ހިދުމަތް ދޭން ފެށުމާއި އަދި އޮޑިވެރިން ބޭނުންވާ ގޮތަށް ދޯނި އެހެލާ ސަރަހައްދެއް ވެސް ގާއިމް ކޮށްދޭނެ ކަމަށެވެ.