ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ޗައިނާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާ ފަތުރުވެރިން ރައްޖެއަށް ޒިޔާރަތް ކުރަން ފަށާފައިވާ އިރު، އެންމެ ފަތުރުވެރިން މަދުން އަންނަ ދުވަސްވަރު ވެސް ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު ވަނީ މައްޗަށް ގޮސްފައި ކަމަށެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 17،671 ފަތުރުވެރިން ޗައިނާއިން އައިސްފައިވާ އިރު، ދެވަނަ ކުއާޓަރުގައި ވަނީ 45،736 ފަތުރުވެރިން އައިސްފައެވެ.

މިދިޔަ އަހަރާއި މިއަހަރާ އަޅާ ކިޔާ އިރު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރަޝިއާއިން 29،596 ފަތުރުވެރިން އައިސްފައިވާ އިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރަޝިއާއިން ވަނީ 43،761 ފަތުރުވެރިން އައިސްފައެވެ. މިއީ 48 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޗައިނާ އާއި ރަޝިއާ އިން އައި ފަތުރުވެރިން އިތުރުވެފައި ވީ ނަމަވެސް، މާކެޓްގެ އެންމެ ކުރީގައި އޮތް ގައުމުތަކުގެ ތެރެއިން އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މުޅި ޖުމްލަކޮށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 405،679 އަށް އަރާފައިވާ އިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާ އިރު، އެއީ 6 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާ އިރު އެއީ 7 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޗައިނާ އިން އަންނަ ފަތުރުވެރިން އިތުރުވަމުން އަންނަ އިރު މިދިޔަ ކުއާޓަރުގެ ޛޫން މަހުގެ ކުރީ ކޮޅު ޗައިނާ މާކެޓް ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ 5 ވަނައިގައެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިންމާލި އިރު ޗައިނާ މި ވަނީ އެ ލިސްޓުގެ 3 ވަނައަށް އަރާފައެވެ.

މިހާރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ ރަޝިއާ އަދި ދެވަނައިގައި އޮތީ އިންޑިއާއެވެ. އިންޑިއާ ދެވަނަ އަށް ވެއްޓިފައިވާ އިރު ފުރަތަމަ ކުއާޓަރުގައި އިންޑިއާ އޮތީ އެ ލިސްޓުގެ އެއްވަނައިގައެވެ.