އައްޑޫ ސިޓީގެ ދެ ސަރަހައްދަކުން ހިއްކާފައިވާ ތިން ރަށަކަށް ކިޔާނެ ނަންތައް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި ރަށްތަކަށް ކިޔާނެ ނަންތައް ފާސްކޮށްފައި ވާއިރު ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ 'ދޮންދީނި ހެރަ' އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ދީފައިވާ ނަމަކީ 'ބޮލިހެރަ' އެވެ. އަދި މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ 'ދޮންހެރަ' އެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރަށްތަކަށް ކިޔާނެ ނަންތައް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވާލުމުން 60 މީހުން ނަންތައް ހުށަހަޅާފައި ވާކަމަށެވެ. މީގެ އިތުރުން މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ 1 ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެެވެ.