ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މި ހަފްތާގައި ނޯންނާނެ ކަމަށް، މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފެށީ ގަވައިދުގައި ބަޔާންކޮށްފައިވާ ދުވަހަށް ވުރެ ފަސް ދުވަސް ލަހުންނެވެ.
އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމުގެ އެއް ދުވަހެއް ކުރިން މަޖިލީހުގެ ވެބްސައިޓުގައި ޖަލްސާގެ އެޖެންޑާ ޝާއިއުކުރެއެވެ. ނަމަވެސް މަޖިލީހުގެ ސައިޓު ބެލިއިރު އެޖެންޑާ ފެންނާކަށް ނެތެވެ.
އެހެންވެ، މަޖިލީހުގެ ޖަލްސާ އެއް މިއަދު ނެތްތޯ އަދި މިހަފްތާގެ ނޯންނާނެތޯ 'ދަ ޕްރެސް' އިން ސުވާލުކުރުމުން، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ މި ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނޯންނާނެ ކަން ކަށަވަރުކޮށްދެއްވައިފައެވެ. މި ހަފްތާގައި މަޖިލީހުގެ ޖަލްސާ އެއް ނުބާއްވަނީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު އޮތުމުންތޯ އަދި އަންނަ ހަފްތާގައި ޖަލްސާތައް ފަށާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އަންނަ ހަފްތާގައި ޖަލްސާތައް ކުރިއަށް ދާނެތޯ ނުދާނެތޯ މި ހަފްތާ އަށް ފަހު ނިންމާނެ ކަމަށެވެ
ދެވަނަ ދައުރު ނިންމައި، ދައުރުން ބޭރުން މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. ނަމަވެސް ޑިމޮކްރެޓްސް ތަމްސީލުކުރައްވާ 12 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު އަދިވެސް މަޖިލީހުގެ އިދާރާ އަށް އެކަން އަންގަވާފައި ނުވާތީ، އެ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ދައުރުގެ ފުރަތަމަ ޖަލްސާގައި ނިންމެވީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުން ފަސްކުރުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި ދަފްތަރުވެފައި ވަނީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ނަޝީދު ހިމެނިވަޑައިގަންނަވާ ހެން ބާކީ ތިއްބެވި ނުވަ މެންބަރުންނަކީ ޑިމޮކްރެޓުންގެ މެންބަރުންކަން އަދިވެސް އިދާރާ އަށް އަންގާފައި ނުވާ ކަން، މަޖިލީހުގެ ވެބްސައިޓުން ދައްކައެވެ.
ޑިމޮކްރެޓްސް އުފެދުނު ދުވަސްވަރު އެމްޑީޕީ ދޫކުރައްވައި އެ ޕާޓީ އަށް ސޮއިކުރެއްވި ދެ މެންބަރުން ކަމަށްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ. ނަމަވެސް މަޖިލީހުގެ ސައިޓުގައިވާ ގޮތުން ދެ ބޭފުޅުން އަދި ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައެވެ.
އެ މައްސަލައިގައި މި ދައުރުގެ ފުރަތަމަ ދެ ޖަލްސާ ހޫނުވެ، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަކަށް ނުދިޔައެވެ. އޭގެ ފަހުން ބޭއްވި ދެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ފެށޭ ގޮތެއް ނުވިއެވެ. އަދި މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާ އެއް އެޖެންޑާކޮށްފައެއް ނުވެއެވެ.
އިދިކޮޅުން ތުހުމަތުކުރަނީ ސަރުކާރު މެންބަރުން މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން އަންގައިގެން ކަމަށެވެ. ސަރުކާރު މެންބަރުން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހުއްޓުވާފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.