އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023،ގައި ރާއްޖޭގެ އެތްލީޓުން ހޯދި ފަހުރުވެރި ކާމިޔާބީތައް ކުލަގަދަކޮށް ފާހަގަކުރަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

އޮގަސްޓް 25 ވަނަ ދުވަހުން ސެޕްޓެމްބަރު 3 ގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިއައްދިޔަ އައިއޯއައިޖީ 2023ގައި ރާއްޖެއިން ޖުމްލަ 176 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިން، ބާސްކެޓް ބޯލް ހިމެނެއެވެ.

މި މުބާރާތުގައި ރާއްޖެއިން ހޯދި ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީ ތަކުގެ ތެރޭގައި ޓޭބަލް ޓެނިސްގެ އަންހެން ސިންގަލްސް އިން ފާތިމަތު ދީމާ އަލީ ރަންމެޑަލް ހޯދަފައިވާއިރު ފިރިހެން ސިންގަލްސްގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އަދި ނަބީހާ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ޓީމް ރިލޭ ޓީމުން ލޯ މެޑަލް ހޯދާފައިވެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ބައިވެރިންވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލް ކޮށްފައެވެ.

އެހެންކަމުން އެ އެތްލީޓުން ހޯދި ކާމިޔާބީ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައިވާ ކަން އިއުލާން ކުރަމުން ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ އައިއޯޖީގައި ދިވެހި އެތުލީޓުން ހޯދިީ ތާރީހީ ރަން ކާމިޔާބީ އެއް ކަމަށާއި އެކަން ފާހަގަކޮށް މަރުހަބާ ކިޔުމަށް އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 09:00 ގައި ޖުމްހޫރި މައިދާނަށް ވީހާވެސް ގިނަ ދިވެހި ރައްޔިތުން ރަތް ކުލައިގެ އެއްޗިސް ލައިގެން އެއްވުމަށެވެ. " ދިވެހި އެތުލީޓުން ހޯދި ތާރީޙީ ރަން ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔުމަށް ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައި ރަތްކުލައިން ޖުމްހޫރީ މައިދާން ފުރާލަމާ ހިންގަވާ." މަހުލޫފް ވިދާޅުވިއެވެ.

ހަވާ އެރުވުމާއިއެކު ކުލަގަދަ މަރުހަބާ އެއް ކިޔުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި މިއީ ގައުމީ އިވެންޓެއް ކަމުން ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މަހުލޫފް ވަނީ ގޮވާލާފައެވެ.

މިއަހަރުގެ ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރާގައި ހަރަކާތްތެރިވެފައި ވަނީ ޓެނިސް ކުޅުންތެރިޔާ އަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. 1977 ގައި އުފަންވި އައިއޯއަޖީ އަކީ ތަފާތު އެކި ދާއިރާތުން ގިނަ ކުޅިވަރުތައް ހިމަނާގެން ދެސިންޖުގެ ކުޅުންތެރިންނަށް ވެސް ވާދަކުރެވޭގޮތަށް އިންތިޒާމް ކޮށް ހިންގާ މި މުބާރާތަކީ ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވާ މުބާރާތެކެވެ.