އީދު ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް، ފަރުވާއަށްފަހު ރާއްޖެ އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެނބުރި ރާއްޖެ އައިއިރު ހާލު ރަނގަޅެވެ.

އީދު ދުވަހުގެ ފަތިހު ހިނގި އެ އެކްސިޑެންޓަކީ ފަތިސް ނަމާދަށް ފަހު ހަފީޒް ގެއަށް ދަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އެ އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ މީގެ ކުރިން ހައްޔަރު ކޮށްފައި ވާއިރު ހައްޔަރުކުރި 22 އަހަރުގެ މީހާގެ ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓަށް ފަހު ގިނަދުވަސްތަކެއް ވީ ފަހުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒު ވެފައެވެ. ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާ ދެމުން ދާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައި ދިނުމުގައި ހޭދަކޮށްފައެވެ.