މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފައިސާ ކްލިއާ ކުރާ ވީޑިއޯއަކީ ގަވާއިދާ އެއްގޮތުގެ މަތިން ކްލިއާ ކޮށްފައިވާ ފައިސާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން ބުނެފައި ވަނީ ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ތަކެއް ފޮށްޓަކުން ނަގާ މަންޒަރު ދައްކުވާދޭ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރު ވަމުން ދިޔުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަމުން ދަނީ ކަސްޓަމްގެ އޮފިސަރަކު ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ފޮށިންނަގާ މަންޒަރެވެ. އަދި އެއީ އިންޑިއާއިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ޑޮލަރު ކަމަށް ވީޑިއޯގެ ކެޕްޝަނުގައި ލިޔެފައި ވެއެވެ.

އެކަން ދޮގު ކޮށް ކަސްޓަމްސް އިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކަކުން، ބޭންކްތަކުން އަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، ކަސްޓަމްސްއަށް ޑިކްލެއާ ކޮށްގެން، އެތެރެ ކޮށްފައިވާ ފައިސާތަކެއް ކަަމަށެވެ.

އަދި މިފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއު ކުރުމުގެ ކުރިން ކަސްޓަމްސް އިން ވެރިފައި ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ނަމަވެސް އެއީ ކޮން ބޭންކަކުން ކޮން ބޭނުމަކު އެތެރެ ކޮށްފައިވާ ކިހާ ފައިސާއެއް ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައި ނުވެއެވެ.